ރައީސް އޮފީހުގެ ކުރީގެ ލީގަލްއެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ނުވާކަމަށް މޯލްޑިވްސް މިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމްގްރޭޝަނުން މިކަން ހާމަކުރައްވާފައި މިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެކޯލިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވަނީ އާޒިމާޝަކޫރުގެ ޕާސްޕޯޓު ހިފެހެއްޓިކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުރައްވާފައެވެ. ހަނަފީ ވިދާޅުވީ އާޒީމާގެވެސް އަދި ޕީޕީއެމާއި ޕީއެންސީގެ އިސް އެހެން ބައެއްގެ ޕާސްޕޯޓުވެސް އިމިގްރޭޝަނުން ހިފަހައްޓާފައި ނުވާކަމަށެވެ.
ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމުގައި ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އާޒިމާގެ އިތުރުން ޕީޕީއެމާއި ޕީއެންސީގެ އިސް ބައެއް ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓައި އިތުރު ބައެއް ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ.
އެފަދަ ތުހުމަތުތަކެއް އަބްދުއްރަހީމް ކުރައްވާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމާ މިވަގުތުވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އާޒިމާގެ މައްޗަށް ވަނީ މަނީލޯންޑަރކުރުމުގައި ކުރީގެ ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގެ ދައުވާކޮށްފައެވެ. އަދި މިހާރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައާގުޅޭ ލިޔެކިޔުންތައް އާޒިމާއާ ހަވާލުކޮށްފައެވެ.