ދީން

ޝަހާދަތުގެ ދެ ކަލިމަ މާތްﷲ ސިފަކުރައްވަނީ ގަހެއްގެ ސިފައިގައި


ޝަހާދަތުގެ މަތިވެރި ކަލިމަ މާތް ﷲ ސިފަކުރައްވާފައިވަނީ ގަހެއްގެ ގޮތުގައިކަމަށާއި،
އެގޮތުން އިސްލާމްދީނުގައި ރަނގަޅަށް ހަރުލައިފި މީހަކު އެދީނުން ބޭރުވެގެން
ނުދާނެކަމަށް އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ ޔާސިރު ޤާޟީވިދާޅުވެއްޖެއެވެ.
ރޭ ކާނިވާ ސަރަހައްދުގައި "ދަ މެސެޖް" ގެ ނަމުގައި އާންމުކޮށް
ހުޅުވާލައިގެން ބޭއްވި ދީނީ ދަރުސްގައި ވާހަކަ ދައްކަވަމުން ޑރ. ޔާސިރު ވިދާޅުވީ،
އީމާންކަމުގެ މިސާލަކީ ގަހެއްގެ މިސާލުކަމަށާއި، އެގޮތުން ގަހުގެ މޫތައް ބިމުގެ
އަޑިއަށް ފެތުރިގެން ގޮސްފައިވުން ވިސްނައިދެނީ، އީމާކަން ހަރުދަނާވެފައިވާ މީހަކު މިދީން
ދޫކޮށްފައި ނުދާނެކަންކަމަށެވެ. އަދި ގަހުގެ ގޮފިތަށް ވައިގެތެރެއަށް ފެތުރިފައި
ހުރުމުން ވިސްނައިދެނީ، އީމާންކަމުގެ ވެރިޔާ ދާކޮންމެ ތާކުން އެތަނެއްގެ މީހަކަށް
ފައިދާކުރާނެކަމަށާއި، އީމާންކަން ހިތުގެ އަޑީގައި ހަރުދަނާވެފައިވާ މީހާ
ދާކޮންމެތަނަކުން އެމީހަކަށް ގަދަރުކުރާނެކަންކަމަށް ޑރ.ޔާސިރު ވިދާޅުވިއެވެ.
ރޭގެ ދަރުސްގައި ޑރ. ޔާސިރު ވަނީ ރާއްޖެއަށް އިސްލާމް ދީން އައިގޮތުގެ މައްޗަށް
އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން، ރާއްޖެއަށް އިސްލާމްދީން އައީ ލޭ އޮހޮރުވުމަކާ ނުލާކަން
ފާހަގަ ކުރައްވާ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ
މިބިންމަތީގައި ލެއްވުމަކީ ލިބިގެންދިޔަ ނިއުމަތެއްކަމަށެވެ. އަދި އެގޮތުގައި
އެކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ޔާސިރުގެ ވާހަކައިގައި
އަލިއަޅުވާލެއްވިއެވެ.



އިސްލާމިކް މިނިސްޓްރީން ވަނީ " ދަ މެސެޖް" ސިލްްސިލާގެ ދެން އޮތް ދަރުސް
ދެއްވަން ވަޑައިގަންނަވާނެ އިލްމުވެރިޔާގެ ނަން އިޢުލާންކޮށްފައެވެ. އެގޮތުން ޕީސްޓީވީން
ގިނަ ބައެއްގެ މަޤްބޫލު ކަން ހޯއްދަވާފައިވާ ޝެއިޚް ޙުސައިން
ޔީ ވަޑައިގަންނަވާނެކަން އިޢުލާން ކުރެއްވިއެވެ.



"ކާމިޔާބު ޒުވާނާ" ގެ ނަމުގައި ދެއްވާ މި
ދަރުސް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.