ސޫރިޔާގެ އިދްލިބްގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ތުރުކީވިލާތާއި ރަޝިޔާއިން އެއްބަސްވެއްޖެއެވެ.
މި ދެ ޤައުމުން މިކަމަށް އެއްބަސްވެފައިވަނީ ތުރުކީވިލާތުގެ އަންކާރާގައި ދެ ޤައުމުގެ ދިފާޢީ ވަޒީރުންގެ މެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގައެވެ. މި މަޝްވަރާތަކަށް ފަހު ތުރުކީވިލާތުގެ ދިފާޢީ ވަޒީރު ހުލްސީ އަކާރާއި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ އެކުގައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އިދްލިބްގައި ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް އެކަށިގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
އަދި މި ކަމުގައި ދެ ޤައުމުގެ އަސްކަރީ ބާރުތަކާއި ޖާސޫސީ ފަރާތްތަކުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މި ކަމުގައި އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލެއް ދެ ބޭފުޅުންކުރެ އެއް ބޭފުޅަކުވެސް ބަޔާންކުރައްވާފައެއް ނުވެއެވެ.
ސޫރިޔާގެ އިދްލީބްގައި ހަމަލާ ބަދަލުކުރުން މަނާކުރާ އެއްބަސްވުމެއް ރަޝިޔާ އާއި ތުރުކީވިލާތުން ޤާއިމުކޮށްފައިވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިދްލިބްގެ މަސްރަހު ހަމަޖައްސަން ފިޔަވަޅުތައް އަޅާނެކަން ތުރުކީވިލާތާއި ރަޝިޔާއިން އިޢުލާންކޮށްފައި މިވަނީ މި ޤައުމުތަކާއި އީރާނުގެ ލީޑަރުން ބުރާސްފަތި ދުވަހު ރަޝިޔާގެ ރިޒޯޓް ރަށެއް ކަމަށްވާ ސޯޗީގައި ބައްދަލުކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.