ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް ބާއްވަން ސްވިމިންގ އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ.
ދާދިފަހުން ސްވިމިންގ އެސޯސިއޭޝަން އޮފް އޮފް މޯލްޑިވްސްއިންވަނީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭގައި ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދޭއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ކޯހުގައި ބައިވެރިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުމާއި ފަތަން ދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުމާއި މީހެއްގެ އެހީއަކާނުލައި ހުއްޓުމެއްނެތި 400 މީޓަރަށް ފަތަންއެނގޭ މީހަކަށްވުމާއި ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުމުގެ އިތުރުން ދިވެހިބަހުން އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިންކޮށް ފޯމު ފުރިހަމަކޮށް ބުދަ ދުވަހުގެ 2 ޖެހުމުގެކުރިން ހުށަހަޅަން ޖެހޭނެކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.