ކުޅިވަރު

އެކުވެރިކަމުގެ މެޗަކަށް އިންޑިޔާ ޓީމް ރާއްޖެއަށް


އެކުވެރިކަމުގެ މެޗެއް ކުޅެން އިންޑިޔާގެ ގައުމީ ޓީމު ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލްގަނީ (ސާންތީ) ޕީއެސްއެމްގެ ދިވެހިފުޓްބޯޅަ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބުނީ ސެޕްޓެމްބަރ، އޮކްޓޯބަރ އަދި ނޮވެމްބަރގައި ހުރި ފީފާގެ ތާރީޙުތަކުގައި މެޗްތަށް ކުޅުމަށް ގައުމްތަކަށް ސީޓީ ފޮނުވާފައިވާކަމަށެވެ. އެ ގައުމުތަކަކީ މެލޭޝިޔާ، އިންޑިޔާ، ބަންގްލަދޭޝް، ފިލިޕީންސް، ގަތަރު، ކުވެއިތު، ބުރުނާއި، ވިއެޓްނާމް އަދި ކެންބޯޑިއާގެ އިތުރުން ތައިލޭންޑެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖުލައި މަހުގައި ފަށަން ނިންމާފައިވާއިރު، ސީޒަން ފެށުމުގެ ކުރިން ޖޫން މަހުގައި އަވައްޓެރި އިންޑިޔައާއި އެކު ރަޙްމަތްތެރިކަމުގެ މެޗްއެއް ކުޅުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.
އަދި އިންޑިޔާގެ ގައުމީ ޓީމު ގެންނާނީ ސެޕްޓެމްބަރު މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިންކަމަށެވެ.

މިހާރު ކުރިއަށްދާ އޭޝިއަން ކަޕުގައި އިންޑިޔާ އަށް ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން އެ ގައުމުގެ ކޯޗުކަމުން ނެދަލޭންޑްސްގެ ސްޓެފަން ކޮންސްޓަންޓިން ވަނީ ފަސް އަހަރަށްފަހު އިސްތިއުފާދީފައެވެ.

ސާންތީ ބުނީ އާ ކޯޗަކާއެކު އިންޑިޔާ ކުޅޭ ފުރަތަމަ މެޗަކީ ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ހަދަން އިންޑިޔާއިން ވެސް ބޭނުންވާ ކަމަށެވެ. އަދި މާލެއަށްވެސް ޓީމްތަށް ގެނެސްގެން މެޗްތަކެއް ކުޅުމަށް ރާވަމުންދާކަމަށް ސާންތި ބުންޏެވެ.

މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރީ މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ފައިނަލުގަ. އެ މެޗު 2-1އިން ކާމިޔާބުކޮށް ތަށީ ހޯދީ ރާއްޖެއެވެ. މިއީ ރާއްޖެ މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މުބާރާތުގައި އެންމެ ކާމިޔާބު ދެ ގައުމަކީ ވެސް ރާއްޖެ އާއި އިންޑިޔާއެވެ.