މީގެ ފަސް އަހަރު ފަހުން ރާއްޖޭގައި ދިވެހި ކީޕަރުން މަދުނުވެ ކުލަބްތަށްކަށް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ކުރީގެ ގައުމީ ކީޕަރު މަޢުރޫފް އަހުމަދު ބުނެފިއެވެ.
އިއްޔެ އެފްއޭއެމްއިންވަނީ ގޯލް ކީޕަރުން ތަމްރީން ކުރުމުގެ ހާއްސަ ކޯހެއް ފަށާފައެވެ.
މިކޯހާއި ބެހޭގޮތުން ވާހަކަދައްކަމުން މަޢުރޫފް އަހުމަދު ބުނީ މިފަދަ ކޯހެއް ހިންގުން މިހާރުވެސް މާ ލަސްވެއްޖެކަމަށާއި މިއީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު ކޯހެއްކަމަށްށެވެ.
މަޢުރޫފް ބުނީ ދެ ހާހުގެ ކުރީކޮޅުގައި ރާއްޖޭގައި ވަރަށް މޮޅެތި ގޯލް ކީޕަރުން ތިބިކަމަށާއި ޒަރިޔަންދު އަދި އިސްހާގް ފާހަގަކޮށްލެވޭ ކަމަށެވެ.
މިދިޔަ އަހަރު ރަސްމީކޮށް ގައުމީ ޓީމްއަށް ކުޅުން އިމްރާމް މުހައްމަދު އާއި އެއްފެންވަރަށް ނުވަތަ އިމްރާމް އަށް ޗެލެންޖް ކޮށްލެވޭ ވަރުގެ ކީޕަރެއް މިހާތަނަށް ފެނިފައެއް ނުވާކަން ފާހަގަ ކުރަމުން މަޢުރޫފް ބުނީ މިއީ ވަރަށް ބޮޑު މަސައްލައެއްކަމަށާއި ކުޅުންތެރިންނެކޭ އެއްގޮތަށް ކީޕަރުންނަށްވެސް ޗެލެންޖްކޮށްލެވޭ ވަރުގެ ކީޕަރުން އުފެދެން އެބަޖެހޭކަމަށެވެ.
އެންމެ ފަހުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ފައިސަލްވަނީ ރާއްޖެ ރަން މެޑަލް ހޯދި ފައިނަލް މެޗްގައި އިންޑިޔާގެ ކުޅުންތެރިން ފޮނުވާލި ގިނަ ބޯޅަތަށް ދިފާޢުކޮށްފައެވެ.
މަޢުރޫފް ބުނީ ރާއްޖޭގައި ކޯޕަރުން އުފެދޭ މިންވަރު މަދުކަމަށާއި ނަމަވެސް އަތޮޅު ތެރޭގައި މޮޅެތި ކީޕަރުން އެބަތިބިކަމަށެވެ.
"މިއީ ރާއްޖެއަށް ވަރަށް މުހިންމު ކޯހެއް. ކުރިން އަޅުގަނޑުމެން އެފްއޭއެމްގައި މަސައްކަތް ކުރިއިރުވެސް މިފަދަ ކޯހެއް ހިންގުމަށް ވަރަށް މަސައްކަތް ކުރިން، ނަމަވެސް އެކަމަށް އަމަލީ ސިފަ ނައިސްފައިއޮތީ. އިރާންގެ ތަޖްރިބާ ކާރު އިސްޓްރަކްޓަރެއްގެ އެހީގައި މިކޯސް ހިންގުމަކީ މިހާރު ގޯލް ކީޕިންގައި އުޅޭ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ޝަރަފްއެއް. މީގެއިން ވަރަށް ގިނަ ކަންތަށްތަށް ދަސްވާނެކަމަށް މިބަލަނީ އަދި ކުރިއަށް ވުރެއް ބޮޑަށް ގޯލް ކީޕަރުންގެ މެދުގައި ވާދަވެރިކަން އުފެދޭނެކަމަށް މިބަލަނީ. އަތޮޅު ތެރޭގައިވެސް މިހާރު ވަރަށް މޮޅެތި ކީޕަރުން އެބަތިބި. އެކުދިންނަށްވެސް ރަގަނޅު ތަމްރީން ލިބިއްޖެނަމަ ވަރަށް މޮޅެތި ކީޕަރުންނަށް އެކުދިންވެސް ވާނެ. މިފަދަ ކޯސްތަށް ރާއްޖޭގައި ގިނަ ކުރަންވީ. ކުރީގެ ގައުމީ ޓީމްއަށް ކުޅެފައިވާ ގޯލް ކީޕަރެއްގެ ހައިސިއްޔަތުން މިއީ ވަރަށް އުފާވެރި ދުވަހެއް." މައުރޫފް ބުންޏެވެ.
ކުރީގެ ގައުމީ ކީޕަރު މަޢުރޫފް އަހުމަދު ބުނީ އެފްއޭއެމްއިން މިފެށި ގޯލް ކީޕިން ކޯހުގެ ސަބަބުން ކީޕަރުން ތަމްރީން ކުރާނެ ގިނަ ގޯލް ކީޕާރ ޓްރެއިނަރުންތަށް ތަމްރީން ވެގެން ނިކުތުމަކީ ގިނަ ގޯލް ކީޕަރުން ތަމްރީން ކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.
ގޯލްކީޕަރުންނަށް ޚާއްސަ އެކަޑެމީއެއް އުފައްދާނެކަމަށް މިދިޔަ އަހަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ވިދާޅުވެފައެވެ. އަދި މިއަންނަ އަހަރުގެ ފަހުން ރާއްޖޭގެ ހުރިހާ ކުލަބަކަށްވެސް ދިވެހި ކީޕަރުން ހޯދައިދިނުމަށް ކީޕަރުން ތަމްރީންކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށްވެސް ބައްސާމްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިއަންނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުންނަށް ރާއްޖޭގެ ކުލަބުތަކަށް ނުކުޅެވޭ ގޮތަށް އެފްއޭއެމްއިންވަނީ ހަމަޖައްސާފައެވެ.