ކުޅިވަރު

ވޮލީ ސީޒަން ހުޅުވާ މެޗަށް ސްރީލަންކާގެ އަންހެން އެއާރ ފޯސް ޓީމް ގެންނަން މަސައްކަތް ކުރަނީ


މިއަހަރުގެ ވޮލީ ސީޒަން ހުޅުވާ މެޗަށް ސްރީލަންކާގެ އަންހެން އެއާރ ފޯސް ޓީމް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާފީ ވިދާޅުވީ މިއަހަރުގެ ވޮލީ ސީޒަން ފޯރިގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިއަހަރުގެ ވޮލީ ސީޒަން ހުޅުވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާފީ ވިދާޅުވީ ސީޒަން ހުޅުވާ މެޗަށް ލަންކާގެ އެއާރފޯސް ޓީމް ރާއްޖެ ގެނައުމަށް މިހާރު ވާހަކަދެކެވެމުންދާކަމަށާއި، އަދި މިކަމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވަނީ ގައުމީ އަންހެން ޓީމްގެ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ)ކަމަށެވެ.

އާންމު ގޮތެއްގައި ވޮލީ ސީޒަން ހުޅުވާ މެޗުގައި ކުޅެނީ ފިރިހެން ޓީމްތައް. ސާފީ ވިދާޅުވީ ލަންކާ އަންހެން އެއާރފޯސް ޓީމް ހަމަޖެހިއްޖެނަމަ މިއަހަރުގެ ވޮލީ ސޯޒަން ފަށާނީ އަންހެން މެޗަކުންކަމަށެވެ. ނަމަވެސް އެޓީމް ހަމަނުޖެހިއްޖެނަމަ ސީޒަން ފަށާނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބް އާއި ރަނަރަޕް ޕޮލިސް ކުލަބުގެ މެޗަކުންކަމަށެވެ. ޝާފީ ވިދާޅުވީ ސީޒަން ހުޅުވާ މެޗް ފޯރިގަދަ ކުރުމަށް ކުޑަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވިސްނަމުންދާކަމަށާއި ރަސްމިއްޔާތުގެ ތެރޭގައި ބޮޑުބެރުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ވިސްނަމުންދާކަމަށެވެ.

ވޮލީ ސީޒަން ހުޅުވާ މެޗްގައި ޓިކެޓް ނުވިއްކާނެކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ ފަރާތްތަކުން މެޗް ބަލާލުމަށް އައުންކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.