ޚަބަރު

އައްޑޫ ސިޓީގައި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ދިނުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ- މިނިސްޓަރ


އައްޑޫ ސިޓީން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ދިނުމަށްޓަކައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ކައުންސިލއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ، ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން، ގުޅިފައިވާ ވިސްނުމެއްގެ ތެރެއިން ރަނގަޅު ޚިދުމަތްތަކެއް ދޭން ޖެހިފައިވާކަން ކަމަށް ވިދާޅުވިއެވެ.

"އައްޑޫ ސިޓީ ކައުންސިލާއި އައްޑުއަތޮޅުގައިހުރި ސިއްޙީ ޚިދުމަތްދޭ އެކިއެކި ފަރާތްތައް އަމިއްލަ ފަރާތްތައްވެސް އަދި ސަރުކާރުގެ ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒާ އަދި މި ނޫން ހުރިހާ ފަރާތެއްގެ ގުޅުމަކީވެސް ވަރަށް މުހިންމު ކަމެއް. މި ހުރިހާ ތަނަކަށް ޒިޔާރަތް ކޮށް އަޅުގަނޑުމެންނަށް ފެނުނީ މި ހުރިހާ ފަރާތްތައް ގުޅިގެން މި ޙިދުމަތް ބައްޓަން ކުރެވިއްޖެ ކަމުގައި ވާނަމަ ޙިދުމަތުގެ ފެންވަރުވެސް ރަނގަޅުވެ، ހަރަދު ކުޑަވެ ރައްޔިތުންނަށް އަވަސް ކަމާއެކީ ޙިދުމަތް ދެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހެލްތް މިނިސްޓްރީގެ އަމާޒަކީ އެކި ފަރާތްތަކާ މަޝްވަރާކޮށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާރު ހުރި އާއްމު މައްސަލަތަކަށް ގެންނަޖެހޭ ހައްލު ގެނައުމާއި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެކަމަށް ހައްލެއް ގެނެވޭނެ ގޮތުގެ ނިޒާމެއް ތައާރަފް ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ގުޅިގެން މަސައްކަތްކުރައްވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ވަނީ، އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް ބައްލަވާލައްވާފައެވެ.