ޚަބަރު

ކުޅުދުއްފުށިން ގޯތި ދޫކުރެވޭނެ ބިމުގެ ޖާގަ ހުރިވަރު ބެމުމަށް ސާވޭ ކުރަނީ


11 އަހަރަށްފަހު ކުޅުދުއްފުށިން ގޯތި ދޫކުރެވެންހުރި އަދަދު ބެލުމަށް ސާވޭއެއް ކުރަން ފަށާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޕީއެސްއެމް ނިއުސް އަށް ވިދާޅުވީ ކުޅުދުއްފުށިން ގޯތި ދޫކުރުމުގެ ކުރިން ކުރެހި ޗާޓުގައިވާ ބޮޑުބައެއް މިހާރުވަނީ އެއަރޕޯރޓް ސަރަހައްދަށް އަރާފައިކަމަށެވެ. އެހެންކަމުން އެސަރަހައްދުން ދެން ގޯތި ދޫކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ގޯތި ދޫކުރެވެން ހުރި ސަރަހަށްދު ބެލުމަށް ސާވޭ ކުރަނީ ރަށުގެ އިރުމަތި ފަރާތާއި އުތުރުކޮޅުގައެވެ.

މިސާވޭ ކުރަމުންދަނީ އަތޮޅު ކައުންސިލާއިވެސް ގުޅިގެންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މިސާވޭގެ ދަށުން ރަށުގެ އިރުމަތި ފަރާތް މިހާރު ސަރވޭކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ގޯތި ދޫކުރެވޭނެ އަދަދު އެނގޭނީ ރަށުގެ އުތުރުކޮޅުވެސް ސާވޭކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސާވޭކޮށްނިމި ގޯތި ދޫކުރެވޭނެ އަދަދު އެނގުމުން ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ގޯތި ދޫކުރުމަށް އިއުލާން ކުރެވޭވަރު ވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އެންމެ ފަހުން ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ކުރެހި ޗާރޓްގެ ގިނަ ސަރަހަށްދު ތަކެއް އެވަނީ އެއަރޕޯރޓް ސަރަހައްދުގައި ހިމެނިފަ.އެހެންވީމާ އެސަހައްދުތަކުން މިހާރު ގޯތި ދުލެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން އަތޮޅު ކައުންސިލް މެދުވެރިކޮށް މިދަނީ ގޯތި ދޫކުރެވެން ހުރި ސަރަހައްދުގެ ބޮޑުމިނަކީ ކޮބައިތޯ ،ކިހާ ގޯއްޗެއްތޯ ދޫކުރެވޭނީ ބެލުމަށް ސާވޭ ކުރަމުން.އެގޮތުން ރަށުގެ އިރުމަތި ފަރާތު ސަހައްދު މިހާރު މިވަނީ ސާވޭކޮށް ބެލިފަ.މީގެ އިތުރުން އުތުރުކޮޅު ސަރަހައްދާ ރަށުގެ ހުސްޖާގަ އޮތް މިންވަރު ބެލިގެން އަޅުގަނޑުމެންނަށް އެނގޭނީ ކިހާ ގޯއްޗެއްކަން ދޫކުރެވޭނީ. އަޅުގަނޑު މި އުންމީދުކުރަނީ ގެވަޅު ދޫކުރެވޭނެ އަދަދު އެނގުނީމަ އުސޫލުތަށް ހަދާލާފަ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނު ކޮށްލެވޭނެ ކަމަށް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީގައެވެ. އެފަހަރު ދޫކޮށްފައިވަނީ 1400 އަކަ ފޫޓްގެ 350 ގޯއްޗެވެ. އެފަހަރުވެސް ގޯތި ދޫކޮށްފައި ވަނީ 5 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.