ޚަބަރު

ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭހާއި ސާމާނު ފޯރުކޮށްދިނުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ


ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭހާއި ސިއްޙީ ސާމާނު ފޯރުކޮށްދިނުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާގުޅޭގޮތުން ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އިސް ފަރާތްތަކާއި، އެސްޓީއޯގެ އިސްވެރިންނާއި ބައްދަލުކޮށް ސިއްޙީ ދާއިރާ މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މާލެއާއި އެކި ރަށްރަށުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭހާއި ސިއްޙީ ސާމާނު ފޯރުކޮށް ދިނުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކުރުމަށް ގެންގުޅޭ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން މިނިސްޓަރ ވަނީ އެސްޓީއޯގެ އިސްވެރިންނާ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މި ތަންތަނުން ޚިދުމަތްދިނުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކާއި ހުރި ދަތިތައް އޮޅުންފިލުވައި އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުންވެސް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މަޝްވަރާކުރައްވާފައެވެ.

ހެލްތް މިނިސްޓަރ ވަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި އަމިއްލަ ކްލިނިކްތަކާއި، ކައުންސިލްތަކާވެސް މީގެ ކުރިން ބައްދަލުކުރައްވާފައެވެ.