ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓް އެޅީ އީއައިއޭއާ އެއްގޮތަށްތޯ ބަލަން ފަށައިފި


ކުޅުދުއްފުށީ އެއާރޕޯޓް އެޅުމުގެ މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެންވަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ ފަށައިފިއެވެ.

އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެ އެޖެންސީން އެކުލަވާލާފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓާ އެއްގޮތަށްތޯ ބެލުމަށްޓަކާ އިންސްޕެކްޝަން ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން އެއަރޕޯޓް އެޅުމަށް ބިން ހިއްކާފައިވަނީ އީއައިއޭ ރިޕޯޓްގައިވާގޮތަށްތޯ އީޕީއޭއިން ބަލަމުންދާކަމަށާއި، ރިޕޯޓްގައި ހިމެނޭ އެހެނިހެން ކަންކަމަށްވެސް ޢަމަލުކޮށްފައިވޭތޯ ބަލަމުންގެންދާކަމުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވި އީޕީއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެހެންނަމަވެސް އިންސްޕެކްޝަންގެ މަސައްކަތް ނުނިމޭތީ މިކަމާބެހޭ އިތުރު ތަފްސީލެއް އީޕީއޭއިން ދީފައެއް ނުވެއެވެ.

އީއައިއޭ ރިޕޯޓްގައި ބުނެފައިވާ ވަރަށްވުރެ ބޮޑަށް ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށް ބިން ހިއްކިކަމަށް ބުނެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި ރަންވޭގެ ހުޅަނގު ފަރާތުގައި ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ހިމަނާފައިވާ ވަރަށްވުރެ ކުޑަ ހިލަތަކެއްކަމަށްވެސް އެފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓްގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.