ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލިބްގައި ތުރުކީވިލާތާ ރަޝިޔާއިން ޤާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުގައި ހުރި އިދިކޮޅު ހަނގުރާމަވެރިން ބަރު ހަތިޔާރުތައް އެސަރަހައްދުން ބޭލުމުގެ މަސައްކަތްތައް ފަށައިފިއެވެ.
ބަރުހަތިޔާރުތައް ބޭލުމުގެ މަސައްކަތްތައް އަދި ފަށާފައިވަނީ ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރެއިން ތުރުކީވިލާތުން އެއްބާރުލުން ދޭ ހަނގުރާމަވެރި ޖަމާޢަތަކުންކަމަށް ރޮއިޓަރސްއިން ރިޕޯޓް ކުރެއެވެ.
ނޭޝަނަލް ފްރަންޓް ފޮރ ލިބަރޭޝަން އެން.އެފް.އެލްއިން ބުނެފައިވަނީ ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުން ބަރުހަތިޔާރު ބޭލުމަށް އެޖަމާޢަތުން ނިންމި ނަމަވެސް، އެ ސަރަހައްދުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާނެކަމަށެވެ.
އަދި ހަމަލާތައް ބަދަލުކުރުން މަނާ ސަރަހައްދުގައި އެ ހަނގުރާމަވެރިން މަޑުކުރަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ތުރުކީވިލާތުގެ ސިފައިންނަށް އެހީވުމަށްކަމަށެވެ. ހުސްވި މަހު ތުރުކީވިލާތާ ރަޝިޔާއާ ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން އިދްލިބްގެ މި ސަރަހައްދުގައި ހަރަކާތްތެރިވާ ހައްދުފަނައަޅާފައިވާ ހަނގުރާމަވެރިން މި މަހުގެ މެދު ތެރޭގެ ކުރިން އެއް ސަރަހައްދުން ފައިބަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަދި މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެއްބަސްވުން ތަންފީޒުކުރާނީ ރަޝިޔާ އާއި ތުރުކީގެ ފައުޖުތަކުން ކަމަށްވެސް އެ ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.