ޖީއެމްއާރްގެ ބެލުމުގެ ދަށުގައި ވޭލާނާ އިންޓަރނޭޝަނަލް އެއރަޕޯޓް އޮތްއިރު، އެއަރޕޯޓްގެ އާމްދަނީއަކީ އަހަރަކު 15 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު ސާފު ފައިދާގެ ގޮތުގައި އެއަރޕޯޓުން އަހަރަކު އެއް ބިލިއަން ރުފިޔާ ލިބެމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢާދިލް މޫސާ ވިދާޅުވީ ކުރީގެ ސަރުކާރުން އެއަރޕޯޓް ޖީއެމްއާރާއި ހަވާލުކުރިއިރު އެއަރޕޯޓުގެ ސާފު ފައިދާ އުޅެނީ 200 މިލިއަން ރުފިޔާގައިކަމަށެވެ. ނަމަވެސް ޖީއެމްއާރުން ހަވާލުވުމާއެކު 15 މިލިއަން ރުފިޔާއަށް އާމްދަނީ ވެއްޓުމަކީ މުޅި ރާއްޖޭގެ އިޤްތިސާދަށް އައި ބޮޑު ހީނަރުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދިލް ވިދާޅުވީ ރާއްޖެއަށް 7.5 މިލިއަން ފަތުރިވެރިން ގެނައުމަށް ޢަމާޒު ހިފާފައިވާއިރު، މިކަމަށް ވާސިލްވުމަށް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކުގެ މޭސްތިރިއަކީ ރައީސް ޔާމިންކަމަށެވެ. މިސަރުކާރުން ފަށާފައިވާ އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢަކީ ރައީސްގެ ދުރު ވިސްނޭ ސިޔާސަތުގެ ދަށުން އެޅި މުހިންމު ފިޔަވަޅެއްކަން އާދިލް ފާހަގަކުރެއްވިއެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހަޔާތުގައި ކުރީގެ ސަރުކާރުތަކުން އެއަރޕޯޓްގެ ތަރައްޤީއަށް ހޭދަކޮށްފައިވަނީ 95 މިލިއަން ޑޯލަރު. ނަމަވެސް މި ކުރު ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ހުޅުލޭގައި އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް މިގެންދަނީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް." އާދިލް ވިދާޅުވިއެވެ.
އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާދިލް މޫސާ ވިދާޅުވީ ރަންވޭގެ މަޝްރުޢަކީ ޖީއެމްއާރުން ހެދި ޕްލޭންގެ ތެރޭގައި ހިމަނާފައިވާ މަޝްރުޢުއެއްކަމަށެވެ. އަދި އޭރުގެ ސަރުކާރުން އުޅުނީ މިހާރު ރަންވޭ އަޅާފައި އޮތް ސަރަޙައްދުގެ އިރުމަތީގައި ޓަރމިނަލެއް ހަދަން ކަމަށާއި، އެ މަޝްރޫޢު ކުރިއަށް ގެންދިޔަނަމަ އާ ރަންވޭ ތަރައްޤީ ނުކުރެވޭނެކަމަށް އާދިލް ވިދާޅުވިއެވެ.
ޢާދިލް ވިދާޅުވީ އެއް ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމަނާފައިވާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށައި، 3 އަހަރުގެ ތެރޭގައި ޓަރމިނަލްވެސް އޮޕަރޭޝަނަށް ގެންނާނެކަމަށެވެ.
އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ދެން ހިމަނާފައިވާ މަޝްރުޢުތަކަކީ، އާ ސީ ޕްލޭން ޓަރމިނަލަކާއި، ފިއުލް ފާމަކާއި، ކަރގޯ ކޮމްޕްލެކްސްގެ މަސައްކަތެވެ. މި މަސައްކަތްތައްވެސް މިހާރު ފަށައިގެން ދަނީ ކުރިއަށެވެ. މި މަޝްރޫޢުތައް ނިމޭއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ އެއަރޕޯޓަކަަށްކަމަށް އެމްއޭސީއެލުން ބުނެއެވެ.