ޚަބަރު

ބްރެކްސިޓް އެއްބަސްވުން- ނާޒުކު ފައްތަރެއްގައި


ވިލާތުގެ އިއްތިހާދުން ވަކިވުމުގައި އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމަށް ތާއީދު ނުކުރާނަމަ މިކަމުގައި އެއްބަސްވުމެއް އެކުލަވާލުމަކީ ދުރުގައިވާ ކަމެއްކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އިންޒާރު ދެއްވައިފިއެވެ.

މޭ މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ ވެރިކަން ކުރާ ޕާޓީގައި މޭއާ އިދިކޮޅު ފަރާތްތަކަށް ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ.

ބީ.ބީ.ސީއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން މޭ ވިދާޅުވީ، ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރުން މި އެއްބަސްވުމަށް އެކަށީގެންވާ ވަރަށް ތާއީދު ނުކޮށްފިނަމަ ދެން އޮތް ގޮތަކީ މިކަމުގައި އެއްބަސްވުން ޤާއިމުނުކުރުން ކަމަށާއި، މިއީ އެއްވެސް ފަރާތަކުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

2019 ވަނަ އަހަރުގެ މާރިޗު މަހު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުން ވަކިވުމަށް ހަމަޖެހިފައިވާއިރު މިކަމުގައި ދެފަރާތުގެ ދެމެދު ބާއްވާފައިވާ މަޝްވަރާތަކުގައި އެކަށިގެންވާ އެއްބަސްވުމެއް ޤާއިމުކޮށްފައެއް ނުވެއެވެ. އަދި މޭ ގެ ސަރުކާރުގެ ތެރޭގައިވެސް އެއްބަސްވުމާ މެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، އެ ސަރުކާރުން އެކުލަވާލާ މި މިފަދަ އެއްބަސްވުމަކަށް ޤާނޫނު ހަދާ މަޖިލީހުގެ ދަށުގެއިން 320 ވޯޓު ލިބޭނެކަމުގެ ޔަޤީން ކަމެއް ނެތްކަމަށް މުރާސިލުން ބުނެއެވެ.