ޚަބަރު

ހުރްމުޒްގެ މައްސަލާގައި އީރާނާއި ޕާކިސްތާނުން މަޝްވަރާކޮށްފި


އެމެރިކާއިން ފެށި ޢުދުވާނާ ގުޅިގެން މަސްރަޙު ގޯސްވެފައިވަނިކޮށް، ސަރަޙައްދީ ހަމަޖެހުމާއި ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާއި ގުޅޭގޮތުން އީރާނާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ފޯނުން މަޝްވަރާކުރައްވައިފިއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ޢުދުވާނަށް އެދެވޭ ޙައްލެއް ނުލިބި ދިގުލައިގެންދާ ދަނޑިވަޅެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤު ދާރު ވަނީ ސަރަޙައްދީ އެންމެ ފަހުގެ މަސްރަޙާ ގުޅޭގޮތުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށާއި ދުނިޔޭގެ ވިޔަފާރި މުދާ އުފުލުމުގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ހުރަހެއް ނެތި ހަކަތަ ފޯރުކޮށްދިނުމާއި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިވުމުގެ މުހިންމުކަން ދާރު ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސަރަޙައްދީ ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރެވޭނީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ވާހަކަދައްކައިގެން ކަމަށެވެ. އީރާނުގެ މަސްދަރަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެގެން ދިޔައީ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދޭންފެށި ވަރުގަދަ ޙަމަލާތަކާ ގުޅިގެން، ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދޭންފެށި ރައްދު މިސައިލާއި ޑްރޯން ޙަމަލާތަކަށްފަހުއެވެ. މި ނުތަނަވަސްކަން ކުޑަކޮށް، ދެފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ޖޫން މަހުގެ ތެރޭގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރި ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.