އިންޑިޔާއަކީ މިސަރަހައްދުގެ ވަރުގަދަ ބާރަކަށް ވިޔަސް، އެއީ ރާއްޖެއަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ލައްވާލާފައިވަނީ އިންޑިޔާއާއި ސްރީލަންކާއާއި އެއް ގުރޫޕެއްގައެވެ. ރާއްޖެ ހިމެނޭ ގުރޫޕް ބީއާއި ގުޅޭގޮތުން ވާހަކަދައްކަމުން ސެގާޓް ބުނީ މިފަހަރުގެ ސާފް ސުޒުކީ ކަޕާއި، ރާއްޖޭގެ ޓީމް ކުރިމަތިލަނީ ވަރަށް ވަރުގަދަ އަޒުމެއްގައިކަމަށެވެ. ތާރީހަށް ބަލާއިރު އިންޑިޔާއިން ރާއްޖޭގެ މައްޗަށް ގިނަ މެޗުތަކުގައި ކާމިޔާބު ހޯދާފައިވީނަމަވެސް މިފަހަރުގެ މުބާރާތުގައި އެކަން ބަދަލުވެގެންދާނެކަމަށް ސެގާޓް ބުންޏެވެ.
އިންޑިޔާ އަދި ސްރީލަންކާއަކީވެސް ވަރުގަދަ ޓީމެއްކަމަށާއި ރާއްޖެއިން ކޮންމެ ޓީމަކާ ދެކޮޅަށްވެސް ނިކުންނަނީ ފުރިހަމަ އިހުތިރާމާއެކު ކޮންމެ ޓީމެއްވެސް ބަލިކުރަންކަމަށް ސެގާޓް ބުންޏެވެ. ގުރޫޕް ބީގެ ފުރަތަމަ މެޗްގައި އިންޑިޔާއާއި ސްރީލަންކާ ވާދަކުރުމަކީ ރާއްޖެއަށް ލިބޭ އެޑްވާންޓޭޖެއްކަމަށް ނުދެކޭކަމަށާއި، ނަމަވެސް މުބާރާތުގައި ރާއްޖެ އާއި ސްރީލަންކާ ވާދަކުރާ މެޗުގެ ކުރިން ސްރީލަންކާގެ މެޗެއް ބަލާލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސެގާޓް ބުންޏެވެ. އަދި އިންޑިޔާއިން މިހާރު އެޤައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ބަލާއިރު، އިންޑިޔާއަކީ މިގުރޫޕްގައި ރާއްޖެއާއި އެންމެ ވާދަވެރި ޓީމަށް ވެދާނެކަމަށް ސެގާޓް ބުންޏެވެ.
"ކޮންމެ ގޮތަކަށް ބެލިކަމުގައި ވީނަމަވެސް އިންޑިޔާއަކީ މިހާރު ފުޓްބޯޅައިގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޤައުމެއް. އިންޑިޔާ އަދި ލަންކާވެސް ވާނީ މުބާރާތަށް ތައްޔާރު. އަހަރެމެންވެސް މިވަނީ ހަމަ އެމުބާރާތަށް ތައްޔާރު. މިހާރު ޤައުމީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް އަހަރެން ވަރަށް އިތުބާރު ކުރަން. ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ. ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި، ނެތީ ބުންވަރު އަދި ކޮންސަންޓްރޭޝަން. ޤަތަރުގައި ކުރާ ކޭންޕްގެ ސަބަބުން މިހާރު ކުޅުންތެރިންގެ ބުންވަރު މަތިވެ، ކޮންސަންޓްރޭޝަންވެސް ވަނީ އިތުރުވެފަ. ރާއްޖޭގެ ކުޅުންތެރިން އެއްވެސް ވަރަކަށް އިދިކޮޅުން ވާދަކުރާ ޓީމާ ދޭތެރޭގައި މާބޮޑަށް ވިސްނާނެކަމެއް ނެތް، ރާއްޖޭގެ ހަލުވި ގޭމް ކުޅުން އަހަރެން އެންމެ އިސްކަންދެނީ." ޤަޠަރުގައި ހުރެ ކޯޗު ބުންޏެވެ.
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 5 ވަނަ ދުވަހު އިންޑިޔާ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ގުރޫޕް ދޭއްގެ ފަހު މެޗުގައި އަންނަ މަހުގެ 9 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ.