ކުޅިވަރު

ޓީމް ފައިނަލްކުރަން ޤައުމީ ކޯޗަށް އުނދަގޫވެއްޖެ


ކުޅުންތެރިންގެ މަސައްކަތުގެ ސަބަބުން ސާފް ސުޒުކީ ކަޕަށްދާ ޓީމް ފައިނަލް ކުރަން އުނދަގޫވެއްޖެކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕަށް ރާއްޖޭގެ ޤައުމީ ޓީމް ގަތަރުން ބަންގްލަދޭޝްއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. ޤަތަރުގައި ޤައުމީ ޓީމް ކުރަމުންދާ ތަމްރީންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗް ސެގާޓް ބުނީ މިހާރު ޓީމްގައި ތިބި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް އެންމެ ކުޑަވެގެން ފުރަތަމަ 11ވެސް އަދި ޔަޤީންނުވާނެކަމަށެވެ. މިހާރު ޓީމްގައި ތިބި 27 ކުޅުންތެރިންގެ ތެރެއިން ސާފް ސުޒުކީ ކަޕަށް ދާއިރު 5 ފަސް ކުޅުންތެރިން މަދުކުރާނެއެވެ. ގައުމީ ކޯޗް ޕީޓަރ ސެގާޓް ބުނީ ޤަތަރުގައި ޤައުމީ ޓީމް ކުރަމުންދާ ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓް ދެމުންދާކަމަށާއި، އެހެންކަމުން ސުޒުކީ ކަޕަށްދާ ފައިނަލް ޓީމް ނަގަން ވަރަށް އުނދަގޫވާނެކަމަށެވެ.

ދުވާލަކު ދެއިރު ފަރިތަކުރުންތަށް ކުރިއަށްގެންދާއިރުވެސް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ނުފެންނަކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ އަދިވެސް އިތުރަށް ތަމްރީން ކުރަންކަމަށް ސެގާޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ލައްވާލާފައިވަނީ ގުރޫޕް ބީގައެވެ. ގުރޫޕް ބީގައި ހިމެނެނީ އިންޑިޔާއާއި، ސްރީލަންކާ އަދި ރާއްޖެއެވެ.