ޚަބަރު

"ދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަންޖެހޭ"


ދީނުގެ ބުރުސޫރަ ހުތުރު ކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭ ވަރުގެ މުސްލިމުދަރިން އިސްލާމީ އުންމަތަށް ބޭނުންވެފައިވާ ކަމަށް ޢީދު ޙުޠުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިއްވި މިއަހަރުގެ އަޟްޙާ އީދު ޚުޠުބާގައި އަޟްޙާ ޢީދު ދުވަހަކީ ޤުރުބާނީގެ ދުވަސްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މިއަދަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާޢީލްގެފާނާ ކުރިމަތިކުރެއްވި ބޮޑު އިމްތިހާނުން އެބޭކަލުން ރަން ވަނައިގައި ފާސްވެވަޑައިގަތުމުން މާތްﷲ އެދެބަފައިކަލުންނަށް ތަޢުރީފުގެ ބަސް ވަޙީކުރެއްވި ދުވަސްކަން ފާހަގަކުރައްވައި ޚުތުބާގައިވަނީ މި ޤުރުބާނީން އިސްލާމީ ޢުންމަތް ޢިބުރަތް ޙާޞިލްކުރުމަށް ގޮވާލައްވާފައެވެ. އިސްމާޢީލުގެފާނުގެ ދެއްކެވި ރީތި ނަމޫނާއިން މިއަދު ހުރިހާ މުސްލިމުންވެސް އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައިވަނީ މިހާރަކަށް އައިސް އިސްލާމްދީނަށާއި، ކީރިތި ޤުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މުސްލިމު ވެރިންގެ އަބުރަށް އަރައިގަނެ އިސްލާމީ ދައުލަތްތަކުގެ ހުރުމަތް ކަނޑާލަމުންދާ މި ދަނޑިވަޅުގައި މިފަދަ ކަންކަމުން މާތްވެގެންވާ އިސްލާމްދީނާއި މުސްލިމު ޤައުމަތައް ޙިމާޔަތްކުރަން ކެރޭ ދަރިން އިސްލާމީ ޢުންމަތަސް ބޭނުންވެފައިވާކަން ޚުޠުބާގައި ވިދާޅުވިއެވެ.

"އިސްލާމްދީން މިވަނީ އެދީނުގެ ވަތަނުގައި ބީރައްޓެހިކޮށްފައި. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުން. މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައި. އިސްލާމް ދީނަށް އެމީހުންގެ ވަގުތުންނާއި، މުދަލުންނާއި، އީޖާދުތަކުން ޤުރުބާންވާން ކެރޭ މީހުންނަށް މިއަދު މިވަނީ ބޭނުންވެފައި" ޢީދު ޚުޠުބާގައި ވިދާޅުވިއެވެ.

އަޅުގަނޑުމެން ފާހަގަ ކުރާ ޢީދަކީ މިނިވަންކަމުގެ ޢީދުކަމަށާއި، މިއީ ނަފްސުތައް ޝަޚްވަތްތަކުން މިނިވަންކޮށްދޭ ޢީދަކަށް ހެދުމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ޢީދުގެ ދުވަސްތަކުގައި އުފާ ފާޅުކުރުމުގައިވެސް މާތްﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރު ނުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ފިތުރު ޢީދެކޭ އެއްފަދައިން މިޢީދަކީވެސް ﷲ އެންގެވި އަމުރުފުޅަކަށް އިޖާބަ ދެވުނީތީ އުފާކުރާ އުފާކުރުމެއް. މިދެންނެވި ނިޢުމަތައްޓަކައި ﷲ އަށް ޒިކުރުކޮށް ތަކުބީރު ކިޔަންވާނެ. އެހެންކަމުން ޢީދު ފާހަގަކުރަން ޖެހޭނީ ﷲ މަނާ ކުރައްވާފައިވާ ކަންތައްތަކާއި ދުރުހެލިވެތިބެގެން. އެހެން މީހުންނަށް ގޯނާ ނުކޮށް، އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަނެ" ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމު އަޚުންނާއި އުޚްތުންގެ ޙަޔާތުގެ ޢަމާޒަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ހަދައިގެން މި ޢީދުގައިވެސް އައު ސަފްޙާތަކެއް ހުޅުވާލައި އެސަފްޙާތަކުގެ ތެރެއިން މިއަދުގެ މުސްލިމު އުންމަތަށާއި، ޤައުމުތަކަށް ދިމާވެފައިވާ ޙާލަތު ބަދަލުކުރެވޭތޯ މަސައްކަތްކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވި އަޟްޙާ އީދު ޚުޠުބާގައި އިމާމުންވަނީ ގޮވާލައްވާފައެވެ.