މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން މަސް ދޯނިތަކަށް ޚާއްޞަ ކްރެޑިޓް ކާޑެއް ނުވަތަ ޑެބިޓް ކާޑެއް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާގައި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ކާޑު ތަޢާރަފް ކުރުމަށް ސަރުކާރުން ނިންމީ މަސްވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދީ، މަސްދޯނިތަކަށް ބޭނުންވާ ބައެއް ތަކެތި ގަތުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެގޮތުން ކަމަށެވެ. ރައީސް ވިދާޅުވީ މި ކާޑުގެ ބޭނުންކޮށްގެން މަސްދޯނިތަކަށް ބޭނުންވާ ތެލާއި އެނޫންވެސް ތަކެތި އެސްޓީއޯގެ ފިހާރަތަކުންނާއި ރާއްޖޭގެ ބޮޑެތި ފިހާރަތަކުން ކްރެޑިޓަށް ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށެވެ. މި ކާޑު ތައާރަފް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާ އެކު މަޝްވަރާކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން ތެލާއި އައިސް ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އާންމު ޚިދުމަތްދޭ ތަންތަނުން ކިއުގައި ނުޖެހި މަސްވެރިންނަށް ޚިދުމަތް ލެބޭނެ ގޮތް ހެދުމަށްޓަކައި މަސްވެރިނަށް ޚާއްޞަ އައިޑީ ކާޑެއް ތަޢާރަފް ކުރައްވާނެކަންވެސް މީގެ ކުރިން ރައީސް ޔާމީން ވަނީ ޢިޢުލާން ކުރައްވާފައެވެ.