ކަސްޓަމްސްގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިލްތިމާސްކޮށްފިއެވެ.
ކަސްޓަމްސްއިން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، އެ ސާރވިސްއިން އަދާކުރާ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅޭ ގޮތުންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއިން ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޔާއަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ބަލައި ފާސްކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެކަންކަން ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ކުރަމުންދާ ކަމަށެވެ. ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.