ޚަބަރު

ކުރިމަތިމިލަނީ އެތައް ޒަމާންތަކެއް ވަންދެން ހައްލުނުވެހުރި މައްސަލަތަކާ - ރައީސް ޔާމީން


ކުރިމަތިލައްވާފައި މިވަނީ ހަމައެކަނި ރިޔާސީ އިންތިޚާބަކާ ނޫންކަމަށާ، ރާއްޖޭގައި އެތައް ޒަމާންތަކެއްވަންދެން ހައްލުނުވެހުރި މައްސަލަތަކާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުގެ ގޮތުގައި އެމަނިކުފާނާއި، އެމަނިކުފާނުގެ ރަނިންމޭޓަށް ރިޔާސީ ޓިކެޓް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ނާމާން 3 އަހަރެއްގެ ތެރޭގައި ރާއްޖެއަށް ގިނަގުނަ މައްސަލަތަކެއް ކުރިމަތިވިކަމަށާ، އެމަނިކުފާނު ނުކުމެވަޑައިގެން ހުނެވީ އެކަންކަމާ ކުރިމަތިލައްވައި ކަންކަން ރަނގަޅުކުރުމަށްކަމަށެވެ.

އެމިނިކުފާނު ރައްޔިތުންގެ ތާޢީދު ހޯއްދަވަނީ ރައްޔިތުން ބޭނުވެފައިހުރި ޤައުމަށް އެންމެ މުހިންމު ކަންތައްތައް ކޮށްދެއްވައިގެންކަމަށާ، ސިޔާސީ ލީޑަރުންނާއި ޕާޓީތަކާއި ސިޔާސީ ކަންކަމަށްވުރެ ޤައުމު މުހިންމުކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން މިރޭވެސް ތަކުރާރުކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޖީލެއް ހަލާކުވެ، ޤައުމު ހަލާކުވެގެންދާއިރު ބަލަންތިބެގެން ނުވާނެކަމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓެއްގެ ގޮތުގައި ދީނީގޮތުން ފުންނާބުއުސް ރައްޔިތުން ޤަބޫލުކުރާ ބޭފުޅެއްކަމުގައި ދެކިގެން ޑރ.ޝަހީމް އިޚްތިޔާރުކުރެއްވީ ދިވެހިރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކޮށް އިތުރަށް ކުރިއެރުވުމަށްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ ޕީ.ޕީ.އެމް އުފެދިގެން އައި ހިސާބުން ފެށިގެންވެސް ދެގޮތެއްނުވެ ޕާޓީގެ އިސްސަފުގައި އެމަނިކުފާނު ދެމިހުންނެވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޕާޓީގެ ތެރޭގައި އޭރުތިބި ބައެއް ފަރާތްތަކަކީ ވަކި މުހުތާދުތަކެއް ހާސިލްކުރަން ތިބި ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ މީހުން ޕާޓީގެ ތެރޭގައި މިއަދުނެތީވެސް އެފަދަ ސަބަބުތަކާހުރެކަމަށެވެ. އަދި ޕާޓީއަށް ދެރަދިނީވެސް ޕީ.ޕީ.އެމް އުފެއްދި ލީޑަރުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕީ.ޕީ.އެމް މިއަދުވެސް އޮތީ ބަދަހިކަމާއެކުކަމަށާއި މިކަމުގައި އެންމެ ހެޔޮގޮތުގައި ތިބީ ޕާޓީގެ ޢާންމު މެންބަރުންނާއި ސަޕޯޓަރުންކަމަށެވެ.