ޚަބަރު

އީރާނުގެ ހަރުކަށި އިންޒާރެއް އަނެއްކާވެސް އެމެރިކާއަށް


އެމެރިކާއިން އީރާނަށް ހަމަލާދީ ހަނގުރާމައެއް ފަށައިފިނަމަ އެމެރިކާގެ ހުރިހާ މުދަލެއް ހަލާކުކޮށްލާނެކަމަށް ވިދާޅުވެ، އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލު، މޭޖަރ ޖެނެރަލް ޤައްސާމް ސުލައިމާނީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެ ހަނގުރާމަ ނިންމާނީ އީރާނުންކަމަށެވެ.

އޭނާ ވިދާޅުވީ، އީރާނުން އޮތީ އެމެރިކާގެ އިންޒާރުތަކަށް ރައްދުދޭން ތައްޔާރަށް ކަމަށެވެ. މޭޖަރ ޖެނެރަލް ސުލައިމާނީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވަމުންގެންދަވާ އިންޒާރުތައް ރައީސް ހަސަން ރޫހާނީއަށް އަމާޒުކުރެއްވުމުގެ ބަދަލުގައި އަސްކަރިއްޔާއަށް އަމާޒުކުރެއްވުމަށް ގޮވާލައްވާފައެވެ.

2015 ވަނަ އަހަރު، އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި، އެމެރިކާ ހިމެނޭ ގޮތަށް ޤާއިމުކުރި އެއްބަސްވުމުން މިދިޔަ މޭ މަހު އެމެރިކާ ވަކިވީއްސުރެ އީރާނާއި އެމެރިކާއާ ދެމެދު ދަނީ ނުތަނަވަސްކަން އިތުރުވަމުންނެވެ. މިގޮތުން، މި ހަފުތާގައި އީރާނުގެ ރައީސް ހަސަން ރޫޙާނީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެ ބޭފުޅުން މި ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައެވެ.

އެމެރިކާއަށް ދިން އިންޒާރެއްގައި އީރާނުގެ ރައީސް ރޫހާނީ ވިދާޅުވީ، އީރާނާއެކު އެމެރިކާއިން ހަނގުރާމައެއް ފަށައިފިނަމަ މި ހަނގުރާމަވެގެންދާނީ އެމެރިކާއިން މިހާތަނަށް ކުރާނެ އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ހަނގުރާމައަށްކަމަށެވެ. ރޫހާނީގެ މި ވާހަކަތަކަށް ރައްދު ދެއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީރާނުން އެމެރިކާއަށް އިންޒާރުދިނުމަކީ މިކަމުގެ ނަތީޖާ ހިތިވާނެ ކަމެއްކަމަށާއި، މިފަދަ ކަންކަމުގެ ރައްދުގައި އެމެރިކާއިން އަޅާނެ ފިޔަވަޅުތަކަކީ މީގެ ކުރިން ދުނިޔޭގެ ތާރީޚުގައި ވެސް ނުފެންނަ ފަދަ ހަރުކަށި ފިޔަވަޅުތަކަކަށްވުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މިހާރުގެ ސަރުކާރަކީ މިފަދަ އިންޒާރުތައް ބަލައިގަންނާނެ ސަރުކާރެއް ނޫންކަމަށެވެ.