ވިލާތުގެ އިއްތިހާދުން ވަކިވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭގެ ސަރުކާރުން ތަންފީޒުކުރަމުންދާ ޕްލޭނަށް އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅުހަދާ ކަމަށް ޚިޔާލުހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ. މި ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި އިނގިރޭސި ރައްޔިތުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުން ވަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް މަސައްކަތް ކުރަމުންދާ ކަނާތުފިޔައިގެ އާ ސިޔާސީ ޕާޓީއަކަށް ތާޢީދުކުރާ ކަމަށްވެސް ބުނެފައެވެ.
2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވިލާތުގެ އިއްތިހާދުން އެ ޤައުމު ވަކިކުރުމަށް ތާއީދުކޮށް، އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުދީފައިވެއެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި މިހާރު މިވަނީ، މި ނިންމުމާމެދު ސުވާލުއުފެދިފައެވެ. ޚާއްޞަގޮތެއްގައި ވިލާތުގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ މުހުލަތު ކަމަށްވާ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަސް ކައިރިވަމުންދާއިރު، މި ކަމުގައި އިނގިރޭސި ސަރުކާރުން އެކަށިގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ، އިނގިރޭސި ރައްޔިތުންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެތައް އަހަރެއް ވަންދެން ޤާއިމުކޮށްފައިވާ ސިޔާސީ، އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، މިކަމާ ބެހޭގޮތުން ވިލާތުގެ އިއްތިހާދާ އެކު ކުރަމުންދާ މަޝްވަރާތަކުގައި އިނގިރޭސިވިލާތަށް އެންމެ ރަނގަޅު އަދި އެންމެ ފައިދާކުރަނިވި އެއްބަސްވުމެއް ހޯދުމަށް އިނގިރޭސި ސަރުކާރުން މަސައްކަތްކުރާކަމަށް، އިނގިރޭސި ސަރުކާރުން ބުނެއެވެ.
އެހެންނަމަވެސް، ދާދި ފަހުން އިނގިރޭސިވިލާތުގައި ނެގި ޚިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ތިބީ އެ ޤައުމުގެ ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރުން ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހިފައެވެ. ސަންޑޭ ޓައިމްސްގެ މި ވޯޓުގައި ބައިވެރިވި މީހުންގެ %34 ބުނަނީ، ވިލާތުގެ އިއްތިހާދާއެކު މަޝްވަރާކުރުމުގައި އިނގިރޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަނަށް މާ ބޮޑު ކުރިއެރުންތައް ހޯއްދެވުނީސްކަމަށެވެ.
މި މަހުގެ ކުރީކޮޅު ޖޯންސަން ވަނީ، މޭގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. މި މަޝްވަރާތަކުގައި މޭގެ މަސައްކަތަށް ތާއީދުކޮށް ވޯޓު ދީފައިވަނީ މިކަމުގައި ބައިވެރި މީހުންގެ ތެރެއިން %16 މީހުންނެވެ. ވިލާތުގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ޕްލޭނާ މެދު އެ ޤައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ އެ ޕްލޭނަށް ތާއީދުކުރާނީ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރި މީހުންގެ ކޮންމެ ދިހަ މީހުންކުރެ އެކަކު ކަމަށްވެސް ސަންޑޭ ޓައިމްސްގެ ވޯޓުން ދައްކައެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުގެ ތެރޭގައިވެސް މޭގެ ޕްލޭނާ މެދު ޚިޔާލުތަފާތުވުންތައް ހުރި އިރު ޖޯންސަން ޚާރިޖީ ވަޒީރުކަމުން އިސްތިޢުފާ ދެއްވީވެސް މިސަބަބާ ހެދިކަމަށް ރިޕޯޓްތައް ބުނެއެވެ. ޖޯންސަންގެ އިތުރުން ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭ އިނގިރޭސިވިލާތުގެ ވަޒީރު އަދި ވިލާތުގެ އިއްތިހާދާ އެކު ބާއްވާ މަޝްވަރާތަކުގައި އިނގިރޭސިވިލާތުގެ ވަފުދުގެ އިސްވެރިޔާ ޑޭވިޑް ޑޭވިސް ވެސް ވަނީ ދާދި ފަހުން މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
ބަދަލުގައި މިމަޤާމަށް އިސްކުރައްވާފައިވާ ޑޮމިނިކް ރާބް އާދިއްތަ ދުވަހު ވިދާޅުވީ، ބޮޑު ވަޒީރު މޭ މަސައްކަތްކުރައްވަމުން ގެންދަވަނީ ވަޒީރުންގެ މަޖިލީހުގައި އޭނާގެ ޕްލޭނާ ދެކޮޅު ހައްދަވާ ވަޒީރުންގެ ތާޢިދު ހޯދުމަށްކަމަށެވެ.