ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ދުނިޔޭގެ ހަތްވަނަ އަށް ރޭންކް ކުރެވިފައިވާ ދެކުނު ކޮރެއާ އަތުން ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ބަލިވެއްޖެއެވެ.
ދުނިޔޭގެ ރޭންކިންގެ ހަތްވަނައިގައި އޮތް ދެކުނު ކޮރެއާއަކީ އޭޝިއާ ރޭންކިންގެ ހަވަނައިގައި އޮތް ގައުމެވެ. ދެކުނު ކޮރެއާ އަތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.
ފުރަތަމަ ގޭމުގައި އަންހެން ގައުމީ ޓީމުގެ ކެޕްޓަން އައިޝަތު ރަފާ ނާޒިމް ނުކުތީ ކޮރެއާގެ ޖޫ ޗެއޮން ހުއިއާ ދެކޮޅަށެވެ. މި ގޭމު ކޮރެއާގެ ޖޫ ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ، 11-2، 11-2 އަދި 11-7 އިންނެވެ.
ދެވަނަ ގޭމުގައި ރާއްޖޭގެ އެންމެ އިތުބާރު ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ނުކުތީ ކިމް ނަޔޮންގްއާ ދެކޮޅަށެވެ. ދީމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި ގޭމު ނަޔޮންގް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 11-7، 11-6 އަދި 11-4 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ އިބްރާހީމް ނުކުތީ ކޮރެއާގެ ލީ އެޔޮންހެއިއާ ދެކޮޅަށެވެ. މި ގޭމުން މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 11-3، 11-2 އަދި 11-4 އިންނެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖޭގެ ޓީޓީ ޓީމުން ނުކުންނާނީ ކަޒަކިސްތާންއާ ދެކޮޅަށެވެ.