ކުޅިވަރު

ޒުވާން ވޮލީ ޓީމްގެ ކެޕްޓަނަކަށް މިމްރާހު


ޒުވާން ވޮލީ ޓީމު ރާއްޖެ ފަޙުރުވެރިވާފަދަ ކުޅުމެއް ދައްކާ، ކާމިޔާބު ހޯދުމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް އެދިވަޑައިގެންފިއެވެ.

މިމަހުގެ 21-28 އަށް ބަޚުރައިންގައި އޮންނަ އޭޝިޔަން މެންސް އަންޑަރ 20 ވޮލީ ޓީމު އިއުލާނުކޮށް، ޒުވާން ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ މި މުބާރާތުގައި ރާއްޖެ ފަޚުރުވެރިވާ ފަދަ ކުޅުމެއް ދައްކައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި މިފަދަ ޒުވާން ޓީމެއް ޤައުމު ތަމްސީލު ކުރަންދާއިރު ޒުވާން ޖޯޝާއި ފޯރީގައި ކުޅެ ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ އަދުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖެ ފަޙުރުވެރިވާފަދަ ކުޅުމެއް ދައްކައި ކާމިޔާބު ހޯދަން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އެދެން. އަދި ޒުވާން ޓީމެއް ތަމްސީލް ކުރަން ދާއިރު ޖޯޝާއި ފޯރިގާއި ކުޅެ ރަނގަޅު ނަތީޖާއަކާއި ހަމައަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއް. ސަރުކާރުން ކުޅިވަރު ކުރިއެރުއްވުމަށް މި ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި ރައީސް ޔާމިންއަށް މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން". ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، މި ޒުވާން ޓީމަކީ އުއްމީދުތަކެއް އޮތް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. މި ޓީމުގައި ހުނަރުވެރި، އިސްކޮޅުން ދިގު މޮޅު ކުޅުންތެރިން ތަކެއް އެބަތިބިކަމަށާއި، މި ކުޅުންތެރިން ބޭނުންވަނީ، ކޯޗުންގެ އިރުޝާދާއި ރަނގަޅު ތަމްރީންކަން ލަތީފް ފާހަގަކުރެއްވިއެވެ.

"މި ޓީމަކީ ވަރަށް ޒުވާން މޮޅު ކުޅުންތެރިން ތަކެއް ހިމެނޭ ޓީމެއް. ހުނަރުގެ ގޮތުންނާއި އިސްކޮޅުގެ ގޮތުން ބެލިނަމަވެސް ވަރަށް ރަނގަޅު ކުޅުންތެރިން މި ތިބީ. މި ކުދިން ބޭނުންވަނީ ކޯޗުންގެ އިރުޝާދާއި ރަނގަޅު ތަމްރީން. އަދި ތަމްރީން ދިނުމުގައި ވޯލީ ޓީމުގެ ކޯޗާއި މެނޭޖަރު އަދި ޓީމުގެ އޮފިޝަލުން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން". މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ވޮލީ ޓީމުގެ ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) ބުނީ، މުބާރާތަށް މި ދަނީ ދެ މަސް ދުވަހު މާލޭގައި ފަރިތަކުރުމަށްފަހު އަދި ލަންކާގައި ހަފްތާއެއްހާ ދުވަހު ފަރިތަކުރުމަށްފަހު ކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމާއި މެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ކޯޗު ޖައްލަ ބުންޏެވެ.

"އަޅުގަނޑުމެން މި މުބާރާތަށް މި ނުކުންނަނީ ވަރަށް ގިނަ ދުވަހު ފަރިތަކުރުމަށްފަހު. އެގޮތުން މާލޭގައި ދެ މަސްދުވަހު ތަމްރީންތަށް ކުރިޔަށްގެންދިޔައިން. އަދި ލަންކާގައި ހަފްތާއެއްހާ ދުވަހު ފަރިތަކުރުމަށްފަހު. ވަރަށް ބޮޑު އުއްމީދެއް އެބައޮތް މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދޭނެކަމާއި މެދު". ކޯޗު އިބްރާހިމް ޖަލީލް ބުންޏެވެ.

ޒުވާން ޓީމުގެ ކެޕްޓަނަކީ މުހައްމަދު މިމްރާހުއެވެ. ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ އަހުމަދު ޝާވިން ޝިހާމްއެވެ.