ކުޅިވަރު

އިނގިރޭސިންނާ ދެކޮޅަށް ނުކުރަންވީ ކަންތައް އެނގޭ: ޕެކަމަން


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް މިރޭ އިނގިރޭސިންނާ ދެކޮޅަށް ކޮށްފައި ނުކުރަންޖެހޭ ކަންތައްތައް އޭނާގެ ޓީމަށް މިހާރު އެނގޭނެ ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނެފި އެވެ.

"އަހަރުމެން އެ މީހުން ވަރަށް ރަނގަޅަށް އެނަލައިޒް ކޮށްފިން. އަހަރުމެން ފޯކަސް ކުރަންވީ ދިމަދިމާތަކަކީ ކޮބާކަން ވަނީ ދެނެގެނެވިފައި. އަދި އަހަރުމެން ހުޅުވާނުލާންވީ ދިމާތައް ވެސް މިހާރު އަހަންނަށް ހީވަނީ އަހަރުމެންނަށް އެނގޭހެން،" އެންމެ ފަހުގެ ވަރލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ޓީމު ގެންގޮސްދިން ކޯޗު ބުންޏެވެ.

ކޮލަމްބިއާ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ރަންބޫޓު ހޯދި ހަމޭސް ރޮޑްރިގޭޒެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް އަދި މި މުބާރާތުގައި ކުރީގެ ކުޅުމާ ގާތަށް ވެސް ނުކުޅެވެއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ކޯޗު ވަނީ ފުރަތަމަ 15 މިނިޓަށް ފަހު އެނާ ބަދަލުކޮށްފަ އެވެ.

"ހާމޭސް ކުޅުނަސް، ނުކުޅަސް އަހަރުމެންގެ ޓީމުގެ ވާތް ފަރާތަށް ބަދަލު އަންނާނެ. އަހަރުމެން މަސައްކަތް ކުރާނީ މެޗު ކާމިޔާބު ކުރަން. އޭނާ ނެތަސް ޓީމުން އަރަންތިބި ކޮންމެ ކުޅުންތެރިއަކީ ވެސް މޮޅު ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.

ކޮލަމްބިއާ ޓީމުގެ އެންމެ މުހިންމު ފޯވަޑަކީ ކެޕްޓަން ރަޑަމަލް ފަލްކާއޯއެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގައި ފެއިލްވި ކުޅުންތެރިއެކެވެ. ނަމަވެސް ޕެކަމަން ވަނީ އޭނާގެ ކެޕްޓަނުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

"އެއީ އޭނާ ބޮޑު އަނިޔާއަކުން ރަނގަޅުވަމުން އައި ދުވަސްވަރު. މިހެންވެ ރަނގަޅު ކުޅުމެއް ނުދެއްކުނީ. އެއީ އޭނާގެ ފެންވަރު ވަޒަންކުރެވޭނެ ދުވަސްވަރެއްނޫން. އޭނާ އެއަންނަނީ މޮނާކޯގައި މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން،" ކޯޗު ބުންޏެވެ.