ހއ. ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓުބޯޅަ ދަނޑުގެ ރޮސްޓްރަމް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމެޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ހޯމަ ދުވަހު ކުޅިވަރު ވުޒާރާގައި މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދުއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތައް ކަމަށެވެ. އަދި ތުރާކުނު ފުޓުބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 250 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތައް ކަމަށެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ވެސް އެކި ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ގާއިމުވެގެންދިޔުމާއެކު، ކުޅިވަރުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.