ށ. ބިލެއްފަހި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. ބިލެތްފަހި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ ށ.އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ޒަމާނުއްސުރެ ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދިޔަ ށ. ބިލެއްފަހީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުގައި ހިމަނާ އެމަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 23 ވަނަދުވަހުއެވެ.
ބިލެއްފަހީގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 520 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއްވަނީ ޖަހާފައިވެ. އަދި 25ހާސް ހަތްސަތޭކަ ތިރީސް އަށް ކޮޑިމީޓަރއަށް ވެލިއަޅައި ހިއްކާއި ޙިމާޔަތްކޮށްފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ސަރުކާރުން ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކަކީ އެކަމުގެ ސަބަބުން ރައްޔިތުންގެ މުދަލާއި، ބިމާއި، އަދި ތިމާވެއްޓަށް އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އަދި މިކަންކަން ދިރާސާކޮށް، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ދަށުން 32ރަށެއްގެ ޖުމްލަ 31 ކިލޯމީޓަރުގެ ގޮނޑުދޮށް ދެމެހެއްޓެނިވި ގޮތެއްގައިވަނީ ޙިމާޔަތްކޮށްފައެވެ.