ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ތެއްތިރީސް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން ނިންމައިފިއެވެ.
އޭޑިބީން މި އެހީ ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ ގްރޭޓަރ މާލެ އޭރިއާ ނުވަތަ މާލެ ސަރަޙައްދުގެ ރަށްތަކުގެ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި، އެނޫންވެސް ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށެވެ.
ރާއްޖޭގައި ދެމެހެއްޓެނިވިގޮތުގައި ކުނި ނައްތާލުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް މަދުކަން ފާހަގަކޮށް އޭޑީބީން ބުނެފައިވަނީ، މާލެ ޞަރަޙައްދުގައި އެކަނިވެސް ދުވާލެއްގެ މައްޗަށް އެކިވައްތަރުގެ 774 ޓަނަށްވުރެ ގިނަ ކުނިއުފެދޭކަމަށާއި، މިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ކުރާކަމަށް އޭޑީބީން ބުނެއެވެ. އަދި ރާއްޖެއަކީ ހަލުވި ދުވެލީގައި ތަރައްޤީވަމުން އަންނަ ޤައުމަކަށްވެފައި، ފަތުރުވެރިކަމަށްވެސް މަޝްހޫރު ޤައުމެއްކަމުން ކުނީގެ މައްސަލައަކީ އަވަސް ޙައްލެއް ހޯދަންޖެހިފައިވާ ކަމެއްކަން އޭޑީބިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އޭޑީބީން ދޭން ނިންމި އެހީގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް އެހީއަކަށްވާނެކަމަށް އެޑީބީން ލަފާކުރެއެވެ.
ކުނި ޖަމާކުރުމަށް ބޭނުންވާ އާލަތްތަކާއި، އެއްތަނުން އަނެއްތަނަށް ކުނި އުފުލުމާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ބޭނުންވާ ތަކެއްޗާއި އުޅަނދުފަހަރު ހޯދުމަށް ޚަރަދުކުރުންވެސް އޭޑީބީން ރާއްޖެއަށް ދޭން ނިންމި އެހީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގުންވެސް މި އެހީގެ ތެރޭގައި ހިމެނެއެވެ. މީގެ ސަބަބުން މާލެ ޞަރަޙައްދުގެ ތިރީސް ދެ ރަށެއް ހިމެނޭހެން ދެލައްކަ ސޯޅަ ހާހަށްވުރެ ބޮޑު އާބާދީއަކަށް މީގެ ފައިދާ ކުރާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ބުނެއެވެ.
އޭޑީބީގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ގުޅުންހުރި މި ބިޔަ މަޝްރޫޢަށް ޖުމްލަ 40 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މި މަޝްރޫޢު ހިންގުމަށް އޭޑީބީން 33 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު، ޖަޕާން ސަރުކާރުންވެސް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
އަދި ވެމްކޯއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ އިތުރު ފަސް ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށްވެސް އޭޑީބީން ވަނީ ނިންމާފައެވެ. 2023 ވަނަ އަހަރަށް ނިންމުމަށް ޢަމާޒު ހިފާފައިވާ މި ބިޔަ މަޝްރޫޢަށް ދިވެހި ދަޢުލަތުން ޚަރަދުކުރާނީ ޖުމްލަ ހަތަރެއް ޕޮއިންޓް ނުވައެއް ތިނެއް މިލިއަން ޑޮލަރެވެ.