ކުޅިވަރު

އިތުރު ވަގުތުގައި ދެ ގޯލް ޖަހައި ބްރެޒިލް މޮޅުވެއްޖެ


މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއިއެކު ކޮސްޓަރިކާ އަތުން ބްރެޒިލް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ވޯލްޑްކަޕްގައި ބްރެޒިލް ކޮސްޓަރިކާ އަތުން މޯޅުވީ ދޭއް ސުމަކުންނެވެ. މުޅި މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ބްރެޒިލްގެ ޓީމަށް ގޯލެއް ޖެހުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދެއްކި އިތުރު ވަގުތުގައެވެ.

ބްރެޒިލްގެ ފުރަތަމަ ގޯލް ޖަހައިދިނީ ފިލިޕް ކުޓީނިއޯއެވެ. ކޮޓީނިއޯގެ ގޯލަށްފަހު އިތުރު ވަގުތުގެ ފަހު މިނެޓުގައި ބްރެޒިލްގެ ދެވަނަ ލަނޑު ޑަގްލަސް ކޮސްޓާގެ އެހީތެރިކަމާއިއެކު ޖަހައިދިނީ ނޭމާއެވެ.

މެޗުގައި ބްރެޒިލުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކީޕަރު ކޭލާ ނަވާސްއެވެ. އޭނާ ގިނަ ސޭވްތަކެއް ކުރިއިރު ކޮސްޓަރިކާގެ ޑިފެންސްލައިނުންވެސް ނުވަދިހަ މިނެޓާއި ހަމައަށް މޮޅު ކުޅުމެއް ދެއްކިއެވެ.

މި މޮޅާއިއެކު ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ބްރެޒިލުން މިވަނީ ދަމަހައްޓާފައެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗުން ލިބުނީ ޕޮއިންޓެކެވެ. ހަތަރު ޕޮއިންޓާއިއެކު ބްރެޒިލް އޮތްއިރު މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމްކަމަށްވާ ސާބިއާ އަދި ސްވިޒަލެންޑް މިރޭ ވާދަކުރާނެއެވެ.