ކުޅިވަރު

އިރާން އަތުން ސްޕެއިނަށް އުނދަގޫ މޮޅެއް


އިރާން ބަލިކޮށް ސްޕެއިން މުބާރާތުގެ ދެވަނަ ބުރާ ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފިއެވެ.

ފީފާ ވޯލްޑް ކަޕްގައި ސްޕެއިން އާއި އިރާން ބައްދަލުކުރި މިމެޗު ސްޕެއިން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.

މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ފަންސާސް ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ. މިލަނޑާއެކު ކޮސްޓާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގައި ތިން ލަނޑު ޖަހާފައެވެ.

ސްޕެއިން ޓީމަށް ރަނގަޅު ފައިޓެއް ދިން އިރާން ޓީމުން ވަނީ މިމެޗުގައި ލަނޑެއްވެސް ޖަހާފައެވެ. އެހެންނަމަވެސް މިލަނޑު ފުރަތަމަ ގޯލެއްގެ ގޮތުގައި މެޗުގެ ރެފްރީ ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. އެއީ ގޯލް ޖެހި ކުޅުންތެރިއާ ގޯލް ޖެހުމުގެ ކުރިން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

މި ނަތީޖާއާއެކު ސްޕެއިން އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕް ބީގެ އެއްވަނަ މަގާމް ސްޕެއިން އޮތީ ޕޯޗުގަލް އާއި ހުރިހާ ގޮތަކުންވެސް އެއްވަރުވެގެންނެވެ. މިދެޓީމަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ހަތަރު ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ ތިން ލަނޑޭވެ. ދެޓީމަށްވެސް ލިބިފައިވަނީ ފައިދާ އެއް ލަނޑެވެ.

ގްރޫޕްގެ ފަހު މެޗުގައި ދެވަނަ ބުރުގެ ޖާގަ އަކީ ގްރޫޕްގެ އެއްވަނަ ހޯދުމަށް ސްޕެއިން ނިކުންނާނީ މިހާރު މުބާރާތުން ކަޓާފައިވާ މޮރޯކޯ ޓީމާ ދެކޮޅަށެވެ. މިމެޗުން ބަލިވިނަމަވެސް އިރާން ޓީމަށް ދެވަނަ ބުރުގެ ޖާގައެއް އަދި ނުގެއްލެއެވެ.

ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށް އިރާންއަށް ދެވަނަ ބުރު ޔަގީން ކުރެވޭނެއެވެ. އަދި ޕޯޗުގަލް އާއި އެއްވަރު ކޮށްލައިގެންވެސް އިރާނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް އެއީ ސްޕެއިން މޮރޯކޯ އަތުން ދެ ލަނޑުގެ ތަފާތަކުން ބަލިވެއްޖެ ނަމައެވެ.