އެސްޓީއޯ މާލޭ ލީގުގެ ޝީލްޑް ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބުން އުފުލާލައިފިއެވެ.
ލީގުގެ އަށްޑަނަ ނިއުއިން އުފުލާލީ ފަހު މެޗުގައި 2-1 ން މާޒިޔާގެ މައްޗަށް ކުރި ހޯދުމަށްފަހުއެވެ. މެޗެށް ނިކުތްއިރުވެސް ނިއުއަށް ލީގު ޗެންޕިއަންކަންވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ނިއުއިން މެޗަށް ނިކުތީ ބަދަލުތަކަކާވެސް އެކުއެވެ. މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ނިކުތީ ހަމްޒާ މުޙައްމަދުއެވެ. ކެޕްޓަން އަޝްފާޤާއި، ވައިސް ކެޕްޓަނުންކަމަށްވާ އަލީ ފާސިރާއި، އަކްރަމްވެސް ފުރަތަމަ އެގާރައިގައި ހިމަނާފައެއްނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މާޒިޔާއިންނެވެ. މާޒިޔާއަށް ކުރި ހޯދައިދިނީ ސްޓެވާޓްއެވެ. ފަހަތުން އަރާ ނިއުއިން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ފުރުޞަތުދިން ހަސަން އަދުހަމް އާއި އިބްރާހީމް އަތީގުއެވެ.
މިއަހަރުގެ މާލޭ ލީގުގައި 14 މެޗުގެ ތެރެއިން ނިއުވަނީ 12 މެޗުން މޮޅުވެފައެވެ. ނިއު ބަލިވެފައިވަނީ ފުރަތަމަ ބުރުގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އަތުންނެވެ. އަދި ދެވަނަ ބުރުގައި ކުލަބް އީގަލްސްއާއި ވާދަކުރި މެޗު ވަނީ އެއްވަރުވެފައެވެ. ނިއުގެ ކޮންޓްރެކްޓް އުވާލަން ހުށައަޅާފައިވާ ކެޕްޓަން އަޝްފާޤު ރޭގެ މެޗުގައި ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުރިއަށް އޮތް ޕްރިމިއަރ ލީގަށް ނިއު ވަރުގަދަ ކުރުމަށް ގެނައި ރުވާންޑާގެ އަތުހިއޭ ކިޕްސަން ވަނީ ދެވަނަ ހާފްގައި ކުޅެން ނެރިފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުރޫޒަން ބުނީ މިދިޔަ އަހަރު ގެއްލުނު މާލޭ ލީގުގެ ޝީލްޑް މިއަހަރު ލިބުމުން ވަރަށް އުފާވާކަމަށާއި، މިކާމިޔާބީއަކީ މިއަހަރު ނިއުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއްކަމަށެވެ. އަދި ނިއުއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އެއް މުބާރާތަށް ވުރެ އަނެއް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލަންކަމަށް ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުންޏެވެ.
"މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ކުލަބަށް މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށްވެސް ނިއު ދިޔައީ ކުރިއަރަމުން، ކުޅުންތެރިންވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިމްޕްރޫވް ކުރަމުން. އަހަރެން ޤަބޫލް ކުރަނީ ރާއްޖޭގެ އެންމެ ރީތި ފުޓްބޯޅަ ކުޅެމުން އަންނަނީ ނިއުގެ ކުޅުންތެރިންކަމަށް. އަދި މިއީ ނިއު މިއަހަރު ކުރި މަސައްކައްތަކަށް ބަލާއިރު ހައްޤު ޝީލްޑްއެއް." ކޯޗު އޮސްކާ ބުންޏެވެ.
މިދިޔަ އަހަރު މާލޭ ލީގު އުފުލާލާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މިއަހަރު ގަދަ ހަ ޓީމްގެ ތެރޭގައި ނުހިމެނި ކުލަބް ވެލެންސިޔާ އަދި ޔުނައިޓަޑް ވިކްޓްރީ ވަނީ ރެލިގޭޝަން ކުޅެންޖެހިފައެވެ.