ކުޅިވަރު

ކޮލަމްބިޔާ ބަލިކޮށް ޖަޕާނުން ތާރީޚީ މޮޅެއް ހޯދައިފި


ކޮލަމްބިޔާ ބަލިކޮށް ޖަޕާނުން ވޯލްޑްކަޕްގައި ތާރީޚީ މޮޅެއް ހޯދައިފިއެވެ. ވޯލްޑްކަޕްގެ ގްރޫޕް އެޗްގައި ޖަޕާނާއި ކޮލަމްބިޔާ ވާދަކުރި މެޗު ޖަޕާނުން ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.

މެޗުގައި ޖަޕާންގެ ފުރަތަމަ ލަނޑަކީ މެޗުގެ ތިންވަނަ މިނެޓުގައި ކޮލަމްބިޔާގެ ކާލޯސް ސަންޗޭޒް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މިގޯލް ޖަހައިދިނީ ޝިންޖީ ކަގަވާއެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލި ސަންޗޭޒަށް ރެފްރީވަނީ ރަތްކާޑު ދައްކާފައެވެ. މިއީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ ރަތްކާޑުކަން ފާހަގަކޮށްލެވެއެވެ. ދިހަ ކުޅުންތެރިންނާއިއެކު މެޗު ފުރިހަމަކުރަން ޖެހުނު ކޮލަމްބިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުއާން ކުއިންޓޭރޯއެވެ. އޭނާ މި ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ޖަޕާން މެޗުން މޮޅުވީ ޔޫޔާ އޮސާކާ ޖަހައިދިން ގޯލުންނެވެ. މެޗުގައި ކޮލަމްބިޔާގެ ތަރި ހަމޭސް ރޮޑްރިގޭޒް ކުޅެން ނިކުތީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. ފޯވާޑް ރަޑަމަލް ފަލްކާއޯ މެޗުގައި ޖަޕާންގެ ގޯލަށް ގިނަ ހަމަލާތައް ފޮނުވާލިއެވެ. އެހެންނަމަވެސް ކީޕަރު ކަވަޝީމާވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއިއެކު ޖަޕާންވެފައިވަނީ ވޯލްޑްކަޕްގެ ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި ދެކުނު އެމެރިކާ ޓީމެއް ބަލިކުރި އޭޝިޔާގެ ފުރަތަމަ ޓީމަށެވެ.