ކުޅިވަރު

މޮޅަކުން ވެލެންސިޔާ ލީގު ނިންމާލައިފި


ކޮލިފިކޭޝަންގެ ކުރިން ކުލަބް ވެލެންސިޔާއިން އިތުރު މޮޅެއް ހޯދައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ކުލަބް ވެލެންސިޔާ އަދި ޔުނައިޓަޑް ވިކްޓްރީގެ ފަހު މެޗު ވެލެންސިޔާ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. ލީގުގައި ދެ ބުރު ކުޅެފައިވާއިރު ކުލަބް ވެލެންސިޔާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ މެޗެވެ. އެއި ލީގުގައި އެޓީމް ކުޅުނު ފަހު ދެމެޗެވެ.
ގިނަ ބަދަލުތަކާއިއެކު ނިކުއިން ޔުނައިޓަޑް ވިކްޓްރީ ކޮޅަށް ފުރަތަ ލަނޑު ޖަހާ ކުރި ހޯދީ ކުލަބް ވެލެންސިޔާއިންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމްއެވެ. ވެލެންސިޔާއިން ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ޔޫވީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް ސެމިއުލްއެވެ. ޔޫވީގެ ލަނޑަށްފަހު ކުލަބް ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ޔެސްނިކްއަށް ލިބުނު ދެ ފުރުސަތުވެސް އޭނާއަށް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. ކުލަބް ވެލެންސިޔާގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑްރިގާ ސާގިލްއާއި ޔެސްނިކްއެވެ.

މެޗަށްފަހު ކުލަބް ވެލެންސިޔާގެ ކޯޗު ސޮބާޙު މުހައްމަދު ބުނީ ރެލިގޭޝަންގެ ކުރިން މިއީ ލިބުނު ވަރަށް މުހިންމު މޮޅެއްކަމަށާއި، މިމޮޅުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށެވެ. އަދި ރެލިގޭޝަންގައި ޔޫވީއާއި ވާދަކުރަންޖެހޭއިރު، ޔޫވީގެ މައްޗަށް ކުރި ހޯދުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް މިހާރު ލިބިފައިވާކަމަށް ސޮބާ ބުންޏެވެ.

ޔޫވީގެ ކޯޗު މުހައްމަދު ނަޒީޙު ބުނީ މިމެޗުން ބަލިވުމުން ގެއްލޭނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. އޭނާ ބުނީ މިހާރު ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް ރެލިގޭޝަން މެޗުތަކަށްކަމަށެވެ. މެޗަށް ނިކުތީ ރެލިގޭޝަނަށް ވިސްނައިގެން ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުމުގައިކަމަށްވެސް ނަޒީހު ބުންޏެވެ.

ކުލަބް ވެލެންސިޔާ ލީގު ނިންމާލާފައިވަނީ ހަތް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައި އޮވެއެވެ. ޔޫވީއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޔޫވީ ލީގު ނިންމާލީ ތާވަލްގެ 7 ވަނާގައި އޮވެއެވެ.