މާޒިޔާއާއި ވިކްޓްރީގެ ވާދަވެރި ކުރިމަތިލުން ހަނިތަފާތަކުން މާޒިޔާ ކާމިޔާބުކޮށްފިއެވެ. އެސްޓިއޯ މާލޭ ލީގުގައި މާޒިޔާ އާއި ވިކްޓްރީ ވާދަކުރި މެޗު މާޒިޔާ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލޭދެއް އުފެއްދީ ވިކްޓަރީންނެވެ. ފުރަތަމަ ހާފް ކޮންޓްރޯލްކޮށްގެން ކުޅުނު ވިކްޓަރީންވަނީ މެޗު ފުރަތަމަ ވިހިމިނިޓްގައި މާޒިޔާ ގޯލަށް ނުރައްކާތެރި ދެހަމާލެއް ފޮނުވާލާފައެވެ.
މާޒިޔާ ދެވަނަ ހާފްފަށައިގެން ކުޅުން ރަނގަޅުކޮށް ވިކްޓަރީ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. މެޗުގެ ދެވަނަ ހާފްގައި ވިކްޓަރީ އަށް މާރަނގަޅު ކުޅުމެއްވެސް އަދި ހަމަލާއެއްވެސް އުފެއްދިފަނުވެއެވެ. މެޗުގެ ހަމައެކަނި ލަނޑު މާޒިޔާ ކާމިޔާބުކުރީ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވާން ފަސްމިނަޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުން ނުކުތް އާދަމް ނާސިހް ދިން ބޯޅައަކުން ސްޓެވާޓް ކޯނޭ.
މެޗަށް ފަހު ލިބުނު މޮޅާއެކު ހިތްހަމަޖެހިފަ ހުރި މާޒިޔާގެ ކޯޗު އިސްމާއިލް މެހެފޫޒް (އިންމަ) ބުނީ ދިވެހި ޕްރިމިއަރ ލީގު ކުރިޔަށް އޮތްވާ ކުޅެލަން ލިބުނީ ރަނގަޅު މެޗެއް ކަމަށާއި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
އޭނާ ބުނީ މާޒިޔާ ދިވެހި ޕްރިމިއަރ ލީގަށް ނިކުންނާނީ މިހާރު އޮތް ސްކޮޑުގައި ތިބި ނުވަދިހަ ފަސް އިންސައްތަ ކުޅުންތެރިންނާ އެކު ކަމަށެވެ. އިންމަ ބުނީ މާޒިޔާއަކީ ކުޅުންތެރިންނަށް ދެރަގޮތްތައް ހަދާނެ ކުލަބެއް ނޫންކަމަށާއި މާޒިޔާގެ ހުރިހާ ކުޅުންތެރިން ވެސް ކުޅެމުން އަންނަނީ ހިތްހަމަޖެހިގެންކަމަށެވެ.
" ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހިފަ މިހުރީ. ދެވަނަ ހާފްގައި ގެނައި ބަދަލު ހަމަވޯކް ކުރީ، މިއީ ޕްރިމިރ ލީގަށް ދާއިރު ކުޅެލަން ލިބުނު ރަނގަޅު މެޗެއް." އިންމަ ބުންޏެވެ.
މެޗުގެ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހިފަ ހުރި ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ މިރޭ މެޗުން ވިކްޓަރީ މޮޅުވާން ޖެހޭނީ ފަސްލަނޑުން ސުންލަނޑުން ކަމަށާއި އެކަމަކު މެޗުން މޮޅުވީ އެންމެ ނަސީބު ރަނގަޅު ޓީމްކަމަށެވެ. އެހެންނަމެވެސް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ހިތްހަމަޖެހޭކަމަށާއި މެޗުގެ ރެފްރީއާ ދޭތެރޭގައި އޭނާ ހިތްހަމަ ނުޖެހޭކަމަށް ކިސް ބުންޏެވެ.
" އެންމެ ނަސީބު ރަނގަޅު ޓީމް މެޗުން މޮޅުވީ. ކަލޭމެން އެންމެންނަށް ފެންނާނެ ވިކްޓަރީއަށް ލިބުނު ފުރުސަތުތައް. ޓީމުން ވަރަށް ރަނގަޅަށް ކުޅުނު އަހަރެން މިހިރީ ހިތްހަމަޖެހިފަ." ކިސް ބުންޏެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއަކު މާޒިޔާ ލީގު ތާވަލް ދެވަނަގައި އޮތީ ސައުވީސް ޕޮއިންޓާއެކުގައެވެ. ވިކްޓަރީ ނަވާރަ ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ.