ކުޅިވަރު

މާލޭ ލީގަށްފަހު އޮސްކާ ނިއުރޭޑިއަންޓްގެ ކޯޗުގެ މަޤާމްގައި ދެމިހުންނާނެކަމާމެދު ޝައްކު!


އަމާޒަކީ ރާއްޖޭގެ މިސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށާއި، އެކަން ހާސިލްކުރުމަށް މަޤާމްގައި ދެމިހުންނަން ބޭނުންވާކަމަށް ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ.

އޭނާ މިހެން ބުނީ ހުސްވި ހަފްތާގެ ބުދަދުވަހު އިންޑިޔާގެ އައިޒޯލް އަތުން ބަލިވެ، އޭއެފްސީކަޕްގެ ދެވަނަ ބުރުގެ ފުރުޞަތު ގެއްލުނު މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދިން ހާއްސަ އިންޓަރވިއު އެއްގައެވެ. އޭނާ ބުނީ މިވަގުތަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހެދުނު ގޯސްތައް ރަނގަޅުކޮށް، ކުރިއަށް އޮތް ރާއްޖޭގެ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއްދައްކާ ކާމިޔާބުކުރުންކަމަށެވެ. އެގޮތުން ޓީމް އިތުރަށް ވަރުގަދަކޮށް ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްގެން، އަންނަ އަހަރު އޭއެފްސީކަޕުގައި ވާދަކުރަން މިހާރު އަމާޒު ހިފައިފާވާކަން ކޯޗު ފާހަގަކުރިއެވެ.

ކޯޗު އޮސްކާ ބުނީ މިސީޒަންގައި ޓީމުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ސެންޓަރ ފޯވާޑެއްކަމަށާއި، މެޗުން ބަލިވުމުގައި ސެންޓަރ ފޯވާޑެއް ނެތްތަން ވަރަށް ބޮޑަށް ދެއްކިކަމަށެވެ. ނިއުއިން ވަނީ މިސީޒަންގައި ސްޕޭންގެ ސެންޓަރ ފޯވާޑެއްކަމަށްވާ ގުލަމް މާރޓީ އެޓީމަށް ގެނެސްފައެވެ. އެހެންނަމަވެސް ފެންވަރު ދަށްވުމުގެ ސަބަބުން މާލެލީގު ފުރަތަމަބުރު ނުނިމެނީސް ކުޅުންތެރިޔާ ވަނީ ފޮނުވާލަފައެވެ. އޮސްކާ ބުނީ ކުރިޔަށް އޮތް ޓްރާންސްފާގައި ވަރަށް ބޮޑަށް ސެންޓަރ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރާނެކަމަށެވެ. ކުރިން އިންޑިޔާގެ މުމްބާއި އެފްސީއަށް ކޯޗު ކޮއްދިން އޮސްކާއަށް އިންޑިޔާގެ އެއްވެސް ކުލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން އޮސްކާ ބުނީ އޭނާ ހުރީ މިއަހަރުގެ ނިޔަލަށް ނިއުރޭޑިއަންޓުގެ ކޮންޓްރެކްޓެއްގައި ކަމަށާއި، މިވަގުތު މަޤާމްގައި އޭނާ ހުރީ ނިއުއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުގެ ތާއިދާ އެކުކަމަށެވެ. އެހެންނަމަވެސް މާލޭލީގަށްފަހު އޭނާ ކޯޗެއްގެ ގޮތުގައި ހުންނާނެތޯ ބުނަންނޭގޭކަމަށް އޮސްކާ ބުންޏެވެ.

" އަހަރެންގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަދައްކަންވީ ވަގުތު ނޫންކަންނޭގެ މިއީ. އަހަރެން މިއަދާ ހަމައަށް ކޯޗެއްގެ ގޮތުގައި މިހުރީ ޗެއާމަނުން ފެށިގެން މެނޭޖްމަންޓާއި ކުޅުންތެރިންނާއި، ސަޕޯޓަރުންގެ އެހީތެރިކަމާއެކު. ދެން ބަލަމާ ހިނގާ މާލެ ލީގަށްފަހު ވާނެގޮތެއް." އޮސްކާ ބުންޏެވެ.

ކޯޗު މިމޭރުމުން ވާހަދައްކާފައިވާއިރު އޭއެފްސީކަޕުގެ ގުރޫޕްގެ ފަހު މެޗަށްފަހު އިންޑިޔާގެ ފުޓްބޯޅަ ހޯދި ކުރިއެރުންތައް ފާހަގަކޮށް، ކޯޗު ވަނީ އިންޑިޔާގެ ފުޓްބޯޅައަށް ތައުރީފްކޮށްފައެވެ. އަދި އިންޑިޔާގެ ޗާޗިލް ބްރާދާސް އިން އެޓީމުގެ ކޯޗަކަށް އޮސްކާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ. މިވަގުތު އިންޑިޔާގެ ފުޓްބޯޅަ ސީޒަން ނިމިފަވާއިރު އާސީޒަންގެ ކުޅުން ފެށުމަށް ހަމަޖެހިފަވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.