ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުވަތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް " އައްނޫރުލް މުބީން" ގެ ނަތީޖާ ފާލުކުރުން މިރޭ އޮންނާނެއެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިރޭ އޮންނަ އިޙްޔާ ފޯރަމްގައެވެ. މި މުބާރާތުގެ ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ ސާދަ ފަނަރަ މި ދެދުވަހުއެވެ.
މިމުބާރާތުގައި ރާއްޖެއާއެކު ނުވަ ޤައުމަކުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސޫދާނާއި ތުރުކީވިލާތާއި ސަޢުދި ޢަރަބިއްޔާއާއި ޕަކިސްތާނާއި މެލެޝިއާގެ އިތުރުން ކުވެއިތާއި މިސްރު ހިމެނޭ. ދެދުވަހުގެ މުއްދަތައް ބޭއްވި މި ޤުރުއާން މުބާރާތުގައި ބައިވެރިންގެ ފަރާތުން ވަރަށް ފުރިހަމަ ރީތީ ކިޔެވުންތަކެއް އިވިގެން ގޮސްފައިވެއެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ މ.ވޭވަށު ފެހިފަރުދާގޭ އަޝްރަޤް ނާޒިރުއެވެ. މި މުބާރާތް ބާއްވާފައިވަނީ އިސްލާމީ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް ތަޖުވީދުގެ ހަމަތަކަށް ވާދަވެރިކަމާއެކު ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމަށްކަމަށެވެ.
"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ބައިވެރިއަކަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރުގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތް އަންނަ އަހަރު މި އަހަރަށް ވުރެ ފުޅާކޮށް ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާތީ އަންނަ އަހަރުގެ މުބާރާތައް މިއަހަރަށްވުރެ ގިނަ ޤައުމުތަކަށް ދައުވަތުދީ މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށް ޕީއެސްއެމުން ބުނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން"އިންތިޒާމް ކޮށްފައިވަނީ ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒު ގުޅިގެންނެވެ.