ޚަބަރު

ލުބުނާނުގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިފި


ނުވަ އަހަރަށް ފަހު ލުބުނާނުގައި ބާއްވާ ފުރަތަމަ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގައި ލުބުނާނުގެ ސިޔާސީ މަސްރަހަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ނުބެލެވުނު ނަމަވެސް، މި އިންތިޚާބާ އެކު އެ ޤައުމުގެ އިޤްތިޞާދަށް ހަމަޖެހުން ލިބިގެންދާނެކަމަށް އަންދާޒާކުރެއެވެ.

ދިގުލައިގެން ދިޔަ ދާޚިލީ ހަނގުރާމައަކަށްފަހު އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ލިބުނު ގެއްލުން ފޫބެއްދުމަށް މަސައްކަތް ކުރަމުން އަންނަ ލުބުނާނުގައި އެންމެ ފަހުން ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ 2009 ވަނަ އަހަރުގައެވެ. އެ އަހަރުގެ އިންތިޚާބަށް ފަހު ހޮވި ޤާނޫނު ހަދާ މަޖިލީހަކީ ހަތަރު އަހަރު ދުވަހަށް ހޮވި މަޖިލީހެއްކަމުގައިވާ ނަމަވެސް ވޭތުވެދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި އެ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތިން ދައުރުގެ މުއްދަތު އިތުރުކޮށްފައެވެ.

ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުން ދައުރުގެ މުއްދަތު އިތުރުކޮށްފައިވަނީ ލުބުނާނުގެ އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާހުތައް ގެނައުމަށް ކަމަށް ބުނުމައްފަހުގައެވެ. މިފަހަރުގެ އިންތިޚާބަކީ އެ ޤައުމުގެ އިންތިޚާބާ ބެހޭ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު، އެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި ބޭނުންކުރާ ވޯޓުލުމުގެ ނިޒާމަކީ މުޅިން އާ ނިޒާމެކެވެ.

128 ގޮނޑި ހިމެނޭ މަޖިލީސް ހޮވުމަށް ބާއްވާ މި އިންތިޚާބުގެ ނުރަސްމީ ނަތީޖާ ހޯމަ ދުވަހު އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނާ އިރު މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާނީ މި ހަފުތާގެ ފަހުކޮޅުގައެވެ. މެދު އިރުމަތީގެ އެންމެ ކުޑަ އެއް ޤައުމު ކަމަށްވާ ލުބުނާނުގެ އެތައް ހާސް ބަޔަކު ޤައުމުން ބޭރުގައި ދިރިއުޅެއެވެ. މި ފަރާތްތަކުން ހުސްވި ހަފުތާގައި ވަނީ އެ މީހުން ދިރިއުޅޭ ޤައުމުގައި ތިބެ އިންތިޚާބުގައި ވޯޓު ދީފައެވެ. މިއީ ލުބުނާނުން ބޭރުގައި އުޅެމުންދާ ފަރާތްތަކަށް އެގައުމުގައި ބާއްވާ އިންތިޚާބެއްގައި ބައިވެރިވެވުނު ފުރަތަމަ ފަހަރެވެ. މިކަމަށް މަގުފަހިވެފައި މިވަނީ މި އިންތިޚާބަށް އަލަށް ތަޢާރަފުކުރި ވޯޓުލުމުގެ ނިޒާމުގެ ސަބަބުންކަމަށް ލުބުނާނުގެ ސަރުކާރުން ބުނެއެވެ.

އާދިއްތަ ދުވަހުގެ އިންތިޚާބަށް ފަހު ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ އާ ސަރުކާރު އެކުލަވާލާނެއެވެ.