ޚަބަރު

"އަމާޒަކީ އޯއައިސީގައި ހަރަކާތްތެރި، އިސްދައުރެއް އަދާކުރާ ޤައުމަކަށް ރާއްޖެ ހެދުން"


  • އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52ވަނަ ސެޝަންގައި ވަޒީރު އިރުތިޝާމް ބައިވެރިވާނެ

  • ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި އިސްލާމީ ހުރިހާ ޤައުމުތަކަކުން ތަޤުރީރު ދޭނެ

އަމާޒަކީ އޯއައިސީގައި ހަރަކާތްތެރި، އިސްދައުރެއް އަދާކުރާ ޤައުމަކަށް ރާއްޖެ ހެދުންކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިރާގުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މިހާރު އިރާގަށް ވަޑައިގެންފައިވާއިރު، އެކަމަނާއަށް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އެ ޤައުމުގެ ޕޮލިޓިކަލް ޕްލޭނިންގގެ ޑެޕިއުޓީ މިނިސްޓަރ ޑރ.އަޙްމަދު އަލްދުލައިމީއެވެ.

މި ދަތުރުފުޅުގެ މުހިންމު އެޖެންޑާތަކަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ފަލަސްޠީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި އިސްލާމީ ހުރިހާ ޤައުމުތަކަކުން ތަގުރީރު ދިނުމަށް މި ސެޝަންގައި ހަމަޖެހިފައިވާ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހިމާޔަތުގައި ހުރިހާ މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ކުރިއަށްވުރެ ބޮޑަށް ބާރުއަޅާ ތަންފީޒީ ޕްލޭނަކަށް ހުރިހާ ގައުމުތަކުން އިޖާބަދިނުމަށް ގޮވާލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައާއި ސަލާމަތީ މަޖިލީހުގެ އިތުރުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައިވެސް ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބިނާކުރަނިވި ގޮތެއްގައި ހުށަހެޅޭ އެފަދަ ހުރިހާ ގަރާރުތަކަކަށް ރާއްޖެއިން އެއްބާރުލުންދީ ތާއީދުކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށާއި މުޅި އިސްލާމީ އުއްމަތަށް ލިބޭ ގެއްލުންތަކާއި، ކާބޯތަކެއްޗާއި އަސާސީ ތަކެތި ހޯދުމުގައި ދިމާވާ ދަތިތަކުގެ އިތުރުން އިގުތިސާދީ އަދި ދަތުރުފަތުރުގެ ދަތިތަކަށް ހައްލު ހޯދުމަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އާންމުރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯދުމުގައި ދިމާވާ ދަތިތަކާއި އަދި ދަތުރުފަތުރު އަދި އިގުތިޞާދީ ގޮތުން ގިނަގުނަ ދަތިތަކަށް މަސައްކަތްކުރުމާއި އެކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ، އަދި މެމްބަރު ގައުމުތަކުން ގުޅިގެން އެކި ދާއިރާތަކުން، އެގްރިކަލްޗަރ ދާއިރާއާއި، ޓެކްނޮލޮޖި، ޑީގިޓަލައިޒޭޝަން އަދި މީގެ އިތުރުންވެސް އިޖުތިމާއީ ގޮތުންނާއި ސިއްހީ ގޮތުން، އޯއައިސީ މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އޮތުމަކީ އެހެން ގައުމުތަކަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް." ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން އޯއައިސީގެ މެންބަރު ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސެޝަންގެ ހަވާސާގައި ބައްދަލުވުން ބާއްވާ ގައުމު ކަމަށްވާ އިރާގުގެ ޚާރިޖީ ވަޒީރުގެ އިތުރުން އެހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އަމާޒަކީ އޯއައިސީގެ ތެރޭގައި ރާއްޖެއަކީ އިސްނަގާ، ހަރަކާތްތެރި ލީޑަރޝިޕެއް ދައްކުވައިދޭ އަދި އަމަލީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްޠީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމްޢިއްޔާގެ މެމްބަރަކަށްވުމަށްފަހު މި ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.