ފަލަސްތީނުގެ ސައެންޓިސް ފާދީ މުހައްމަދުލް ބަޠްޝްގެ ޤާތިލުން މެލޭޝިޔާގައި ފިލައިގެން އެބައުޅޭކަމަށާއި އެމީހުން މެލޭޝިޔާއިން އަދި ބޭރުނުވާކަމަށް އެ ޤައުމުން ބުނެފިއެވެ. ބަޠްޝް އަވަހާރަކޮށްލިކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ފޮޓޯ މެލޭޝިއާއަށް މީހުން ވަދެ ނިކުމެވާ ބަނދަރުތަކަށާއި، ސަރަހައްދީ ރޮނގުގެ ޗެކް ޕޮއިންޓްތަކަކަށް ފޮނުވައި، އެ ދެމީހުން ހިފެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް، މެލޭޝިޔާގެ ފުލުހުން ބުންޏެވެ.
މެލޭޝިޔާގައި ދިރިއުޅުއްވި ފަލަސްތީނުގެ ސައެންޓިސްޓް ފާދީ މުހައްމަދުލް ބަޠްޝް މިދިޔަ ހޮނިހިރު ދުވަހު އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް މުޅި ދުނިޔެ ބުނަމުންދާ މި ދަނޑިވަޅުގައި، އެކަމަށް އިންކާރު ކުރެވޭފަދަ ހުއްޖަތެއްވެސް އިސްރާއީލުން ދައްކާފައެއް ނުވެއެވެ. މިކަމާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް މެލޭޝިޔާގެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް މުހައްމަދު ފައުޒީ ހާރޫން ވިދާޅުވީ، ބަޠްޝް ގެ ޤާތިލުން ދަތުރުކުރުމަށް ބޭނުންކުރި ދެ ސައިކަލު މިހާރު ފެނިފައިވާކަމަށާއި ޤާތިލުންވެސް އަތުލެވޭނެކަމުގެ އުންމީދު އެބައޮތްކަމަށެވެ.
ބަޠްޝްގެ ހަށިކޮޅުގެ އޮޓޮޕްސީ ހެދުމަށްފަހު ފަލަސްތީނުގެ ޣައްޒާއަށް ގެންދިޔުމަށްޓަކައި ހަށިކޮޅު ވަނީ ކުއާލަލަންޕޫރުގައި ހުންނަ ފަލަސްތީނުގެ އެންބަސީއާ ހަވާލުކޮށްފައެވެ. އުމުރުން ތިރީސް ފަސް އަހަރުގެ ބަޠްޝު އުފަންވެވަޑައިގެންފައިވަނީ އިސްރާއީލުގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާގައި ކަމަށްވާތީ ބަޠްޝު އާއިލާއިން އޭނާ ފަސްދާނުލާން ބޭނުންވަނީ ޣައްޒާގައެވެ. މިކަމަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލުންވަނީ ރަފަޙް ބޯޑަރ ހުރަސްކޮށް، ބަޠްޝުގެ ހަށިކޮޅު ޣައްޒާއަށް ގެންދިޔުމުގެ ފުރުސަތު ނުދިނުމަށް މިސްރަށް ގޮވާލާފައެވެ.
އެހެންނަމަވެސް މިސްރުގެ ސަރުކާރުންވަނީ ބަޠްޝުގެ ހަށިކޮޅު ޣައްޒާއަށް ގެންދިޔުމުގެ ހުއްދަ ދޭނެކަމުގެ އިޝާރާތެއްކޮށްފައެވެ. ބަޠްޝްގެ ހަށިކޮޅު ވައިގެ މަގުން މިސްރަށް ގެންދިޔުމާއި، އެއަށްފަހު ރަފަޙް ބޯޑަރ ހުރަސްކޮށް އޭނާގެ ހަށިކޮޅު ޣައްޒާއަށް އެތެރެކުރުމުގައި ކުއާލަ ލަންޕޫރުގައި ހުންނަ މިސްރުގެ އެންބަސީ އާއި ފަލަސްތީނުގެ އެންބަސީން ގެންދަނީ އެކުގައި މަސައްކަތްކުރަމުންނެވެ.
ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަފަރާތަށް ކެމިކަލް ވިހަ ދީގެން އަރަފާތު އަވަހާރަކޮށްލި ޖަރީމާ ހިންގިކަމުގެ ތުހުމަތު ކުރެވެނީވެސް އިސްރާއީލުގެ މައްޗަށެވެ. މީގެ އިތުރުން ފަލަސްތީނުގެ ސައެންޓިސްޓުންނާއި އިންޖިނޭރުންނާއި ސިޔާސީ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރުން ހިމެނޭގޮތަށް އެކި ފަހަރުމަތިން، ފަލަސްތީނުގެ އަށްޑިހަ ފަސް ބޭފުޅުން އަވަހާރަކޮށްލުމުގެ ޖަރީމާތައް އިސްރާއީލުން ހިންގާފައިވާކަމަށް ތުހުމަތުކުރެވެއެވެ.