ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބް މޮޅުވި މެޗުގައި ބުރުގެ ތަފާތަކީ ބެންޗުން އެރި ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.
މިއީ މި ސީޒަނުގައި ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެ ޓީމުން މި ސީޒަން ފެށީ ކަޕް ވިނާސް ކަޕުންނެވެ. އެކަމަކު އެ މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެއެވެ. އަދި އެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުން ވެސް ވަނީ ބަލިވެފައެވެ. ގައްދޫ މެޗުން ލިބުނު މޮޅަކީ ބުރުގެ ކޯޗުކަމާ ރޮޑްރިގޭޒް ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.
ގައްދޫ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ރޮޑްރިގޭޒް ބުނީ، މި މެޗުގައި ބުރުގެ ތަފާތަކަށްވީ ބަދަލު ކުޅުންތެރިން ކަމަށެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބުރުން މުޅި މެޗު ކޮންޓްރޯލްކޮށް ރަނގަޅު ކުޅުމެއް ދެއްކިކަން ކޯޗު ފާހަގަކުރިއެވެ.
ބުރުގެ ގޭމުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އަބްދުﷲ ޔާމީން (ޔާނު)ކަން ފާހަގަކޮށް ކޯޗު ބުނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ބޭނުންވީ ޔާމީން ލައްވާ ވާތު ފަޅިން ހުރަސް ނަގައިގެން ކުޅުވަން ކަމަށެވެ. އެކަމަކު ކުޅުންތެރިޔާގެ އެދުމަށް ދެވަނަ ހާފުގައި ކަނާތް ފަޅިން ކުޅުވީ ކަމަށް ކޯޗު ބުންޏެވެ. އަދި ކަނާތު ފަޅިން ޔާމީން ލައްވާ ކުޅުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުނު ކަމަށް ކޯޗު ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް ބުނީ މި މެޗުން ލިބުނު ތިން ޕޮއިންޓަކީ ބުރަށް ސީޒަނުގައި ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށެވެ. އަދި މި މޮޅާއެކު ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ހިތްވަރު ލިބޭނެ ކަމަށް ރޮޑްރިގޭޒް ގަބޫލުކުރެއެވެ.
ބުރަށް ލީގުގައި ދެން އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.