ދުނިޔެ

ސްރީލަންކާގެ ވެރިކަންކުރާ ދެ ޕާޓީން އެއްގަލަކަށް އަރައި ފަހުމުނާމާއެއްގައި ސޮއިކުރަން ނިންމައިފި


ސްރީލަންކާގެ ނުތަވަސްވެފައިވާ ސިޔާސީ މަސްރަހަށް ހަމަޖެހުން ގެނައުމަށްޓަކައި ރައީސް މައިތުރިޕަލާ ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ފަހުމުނާމާއެއްގައި ސޮއިކުރަން ނިންމައިފިއެވެ. ސްރީލަންކާ ފްރީޑަމް ޕާޓީގެ ތަރުޖަމާން، ޑުމިންޑާ ޑިސަނައިކަ ވިދާޅުވީ، މިއީ ވެރިކަންކުރާ ކޯލިޝަންގެ އެތެރޭގެ ގުޅުންތައް ހަރުދަނާކޮށް، ސަރުކާރުގެ ތަރައްޤީގެ ޕްރޮގްރާމްތައް ހުއްޓޫމެއްނެތި ކުރިއަށް ގެންދިޔުމަށް ސޮއިކުރާ ފަހުމުނާމާއެއްކަމަށެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ނުތަވަސްވެފައިވަނީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލްއާ ދެމެދު އޮތް ގުޅުން ހީނަރުވެ، ދެ ބޭފުޅުންގެ ދެމެދު އިތުބާރު ކުޑަވުމުގެ ސަބަބުންނެވެ. ދާދިފަހުން އިދިކޮޅު ފަރާތްތަކުން ރަނިލްއާ ދެކޮޅަށް ނެގި އިތުބާރުނެތްކަމުގެ ވޯޓުގައިވެސް ސިރިސޭނާގެ ޕާޓީގެ ގިނަ މެންބަރުންތަކެއް ރަނިލްއާ ދެކޮޅަށް ވޯޓުލާފައިވެއެވެ.

އެ ވޯޓުން ރަނިލް ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ރަނިލް އާއި ސިރިސޭނާގެ ގުޅުން ވަނީ ރަނގަނޅުވެފައެވެ. ރަނިލްގެ އިތުބާރުގެ ވޯޓުގައި އޭނާއާ ދެކޮޅަށް ވޯޓުލީ 16 ވަޒީރުންނަށް ރަނިލްގެ ފަރާތްޕުޅުން ކުރިމަތިވެގެންދިޔަ ފިއްތުންތަކުގެ ސަބަބުން އެ ހުރިހާ ވަޒީރުން މިދިޔަ ހަފުތާގައިވަނީ އިސްތިއުފާ ދެއްވާފައެވެ. ސިރިސޭނާގެ ޕާޓީގެ ތަރުޖަމާން ޑުމިންޑާ ޑިސަނައިކަ ވިދާޅުވީ ސަރުކާރުގެ ދައުރު ނިމެން ބާކީ ދެން އޮތީ 18 މަސްދުވަސްކަމުން، އެ މުއްދަތުގައި ކުރިއަށްގެންދާނެ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން އެއްގަލަކަށް އެރުމަށާއި ސަރުކާރު ދެމެހެއްޓުމަށް ދެ ޕާޓީގެ އިސްވެރިން އެއްބަސްވެފައިވާކަމަށެވެ.

މިގޮތުން ދެ ޕާޓީން ސޮއިކުރަން ހަމަޖެހިފައިވާ ފަހުމުނާމާ ބިނާވެގެންދާނީވެސް އެކަމުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ. ސްރީލަންކާގައި ސިޔާސީ ކޯޅުންތައް ބޮޑުވުމުގެ ސަބަބުން ސިރިސޭނާ ވަނީ އަންނަ މޭ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައްވެސް ހުއްޓުމަކަށް ގެންނަވާފައެވެ.