ޚަބަރު

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން ނިންމައިފި


އިސްލާމީ ފިކުރު ކުރިއަރުވައި ފުޅަކުރުމަށް އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

މި ގޮފި ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޖަމިއްޔާގެ ރައީސް ޑރ.އައްޞާދިޤް އައްޞިއްދީޤް ޢަބްދުއްރަޙްމާން ޢަލްމަހުދީއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެ ޖަމްޢިއްޔާގެ ގޮތްޕެއް ހުޅުވަން ނިންމީ، ރާއްޖޭގައި އިސްލާމްދީނުގެ މެދުމިނުގެ ފިކުރު ކުރިއަރުވަން ކުރާ މަސައްކަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ޤަބޫލްކުރެވޭތީކަމަށެވެ.

އެ ޖަމްޢިއްޔާގެ ގޮފި ހުޅުވުމަށް ރާއްޖެއިން އެއްބާރުލުން ލިބޭނެކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެ ޑރ.އައްޞާދިޤް ވިދާޅުވީ، އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ ސިޔާސީ ޕާޓީއެއް ނޫންކަމަށާއި، އެއީ އިސްލާމީ ފިކުރާއި އަސާސްތައް ކުރިއަރުވަން މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށެވެ.

"
" ވަރަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަން. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއްނޫން. ވަކި ސަރުކާރަކާ ގުޅުމެއް ނުގެންގުޅެން. އަޅުގަނޑުމެންނަކީ އެއްވެސް ސަރުކާރަަކަށް ނިސްބަތްނުވާ ޖަމްޢިއްޔާއެއް. ނަމަވެސް ދުނިޔޭގައި އިސްލާމް ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ބައެއް."
ޑރ.އައްޞާދިޤް އައްޞިއްދީޤް ޢަބްދުއްރަޙްމާން އަލްމަޙްދީ

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ 2002 ވަނަ އަހަރުންފެށިގެން އިސްލާމްދީނާއި އެނޫންވެސް ފިކުރުތަށް ހިމެނގޮތަށް އުފައްދާފައިވާ ހަރަކާތެކެވެ. މި ހަރަކާތް ބަލަހައްޓަވަމުން ގެންދަވަނީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން އިސްވެ ހުންނަވައިގެންނެވެ. މި ފޯރަމަކީ، އިސްލާމީ ޤައުމުގެތަކުގެ އެންމެ ބޮޑު ޖަމްޢިއްޔާކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް، އޯއައިސީގެ ފަރާތުން ބަހަލައްޓަވަމުންދާ ފޯރަމެކެވެ. މި ފޯރަމްގެ ގޮފިތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތޭރައަށްވުރެ ޤައުމުގައި ޤާއިމްކޮށްފައިވާއިރު، ބާރަ ހާހަށްވުރެ ގިނަ ދީނީ ޢިލްމުވެރިންނާއި ޕްރޮފެސަރުން ހިމެނިވަޑައިގަންނަވައެވެ.