ލައިފް ސްޓައިލް

30 އަހަރު ކުރިން ވަގަށް ނެގި ކުރެހުމެއް ހޯދައިފި


1988 ވަނަ އަހަރު ވަގަށް ނެގި މިކުރެހުމަކީ 1900ގެ ކުރީކޮޅު އުޅުނު މަޝްހޫރު ކުރެހުންތެރިޔާ މާކް ޗަގާލް 1911 ވަނަ އަހަރު ކުރަހާފައިވާ ކުރެހުމެކެވެ. "އޯތެލޯ އެންޑް ޑެސްޑެމޮނާ"ގެ ނަން ދީފައިވާ މިކުރެހުމަކީ ވިލިއަމް ޝޭކްސްޕިއަރގެ ވާހަކައެއްގައި އުޅޭ ދެ މީހަކު ދައްކުވައިދޭ ކުރެހުމެކެވެ.
1988 ވަނަ އަހަރު މިކުރެހުން ވަގަށް ނަގާފައިވަނީ އޭގެ ވެރިފަރާތްކަމުގައިވާ އަރނެސްޓް ހެލާ އަދި ރޯސް ހެލާގެ ނިއުޔޯކް ސިޓީގެ އެޕާޓުމަންޓުންނެވެ. މި ދެމަފިރިންނަކީ މިފަދަ އެތައް ކުރެހުންތަކަކާއި ފަންނުވެރި މަސައްކަތްތައް އެއްކުރާ ދެމަފިރިންނެވެ. ދެމަފިރިންގެ އެޕާޓްމަންޓުން ވައްކަންކުރި މީހާ ވަނީ މިކުރެހުމާއެކު އިތުރު 13 ކުރެހުމަކާއި ގަހަނާއާއި އެހެނިހެން އާޓިސްޓިކް ތަކެތި ވަގަށް ގެންގޮސްފައެވެ.
ފުލުހުން އޭރު ބުނެފައިވަނީ ވައްކަންކޮށްފައި ވަނީ އެޕާޓްމަންޓަށް މަސައްކަތް ކުރަން އަންނަ މީހެއްކަމަށެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ އަރނެސްޓްގެ ދެމަފިރިން ޗުއްޓީގައި ރަށުގައި ނެތް ވަގުތެއް ބަލާފައިކަމަށެވެ. ވައްކަންކުރި މީހާ ހޯދާ، ދަޢުވާކޮށްފައި ވީނަމަވެސް ގެއްލުނު އެއްވެސް އެއްޗެއް ފެނިފައެއްނުވެއެވެ.

މީގެ 30 އަހަރު ކުރިން ވަގަށް ނެގި ތަކެތީގެ ތެރެއިން، މާކް ޗަގާލްގެ ކުރެހުން ފެނުނީ އެމެރިކާގެ މެރީލޭންޑުގައި އުޅޭ އުމުރުން 70 އަށްވުރެ މައްޗަށް ގޮސްފައިވާ މީހެއްގެ ގެއިންނެވެ. ނަމަވެސް އެފްބީއައިން ބުނަނީ ކުރެހުން ވަގަށް ނެގީ މިމީހާ ނޫންކަމަށެވެ. އަދި މިމީހާއަކީ ކުރެހުން ވަގަށް ނެގި މީހާއަށް ކުރެހުން ވިއްކާލުމަށް އެހީތެރިވެދިނުމަށް އުޅުނު މީހެއްކަމަށް އެފްބީއައިން ބުނެއެވެ. ނަމަވެސް ކުރެހުން ވިއްކާލަން އެހީތެރިވިޔަސް އޭގެ ބަދަލުގައި ފައިސާ ނުދޭނެކަން އެނގުމުން، ވައްކަން ކުރި މީހާގެ އަތުން ދެން ހުރި މީހާ ކުރެހުން އަތުލީކަމަށް އެފްބީއައިން ބުނެއެވެ. އަދި އެއަށްފަހު އެކުރެހުން އޮތީ އެމީހާގެ ގޭގެ ފުރާޅުދަށުގައި ފޮރުވާފައެވެ.
ވައްކަންކުރި މީހާގެ އަތުން ކުރެހުން ހޯދި މީހާ ވަނީ އޭގެ ވިއްސަކަށް އަހަރުފަހުން އެކުރެހުން ވިއްކާލަން ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. 2010 އަދި 2017 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަން ޑީސީގެ މިއުޒިއަމަކަށް މިކުރެހުން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވީ އޭގެ ވެރިފަރާތަކީ އޭނާކަން ޔަޤީންކޮށް ނުދެވުމުންނެވެ.
އެފްބީއައިގެ ސަމާލުކަމަށް މިކަން އައި މިހާހިސާބުންނެވެ. ކުރެހުން ވިއްކާލެވޭނެ ގޮތެއް ނުވުމުން އެމީހާ ދެން މަސައްކަތްކުރީ ފުލުހުންނާ ކުރެހުން ހަވާލުކުރުމުން އެއްވެސް އިނާމެއް ލިބޭތޯ ބެލުމަށެވެ. ކުރެހުން އޮތްތަން އެފްބީއައިއަށް އެނގުނީ ކުރެހުން ހޯދާ ފަރާތަކަށް އިނާމެއް އޮތްތޯ ބެލުމަށް މިމީހާ ފުލުހުންނަށް ގުޅުމުންނެވެ. ކަންދިމާކުރި ގޮތުން އިނާމެއް ނެތެވެ. ނަމަވެސް ފުލުހުންނަށް އެންމެފަހުން ކުރެހުން ހޯދިއެވެ.

އެފްބީއައިން ބުނީ މިމައްސަލައިގައި ދަޢުވާކުރުމަށް އޮތް މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ، އެމީހާގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރާނެކަމަށެވެ. ނަމަވެސް ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ހޯދިފައިނުވާ ތަކެތި ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި 13 ކުރެހުމެއް ހިމެނެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ފުލުހުން ހޯދި ކުރެހުން އޭގެ ވެރިފަރާތުގެ ޢާއިލާއާ ޙަވާލުކުރާނެކަމަށެވެ. އަދި އެއަށްފަހު މިކުރެހުން ނީލަންކިޔާނެއެވެ. ބެލެވޭ ގޮތުގައި މާކް ޗަގާލްގެ މަސައްކަތުގެ އެންމެ ކުރީކޮޅު ކުރަހާފައިވާ މިކުރެހުން ފަސް ސަތޭކަ ހާހާއި ނުވަ ސަތޭކަ ހާހާ ދެމެދުގެ އަދަދަކަށް ވިކޭނެއެވެ. ރަޝިޔާ، ފްރާންސް އަދި ބެލަރޫސްއަށް ނިސްބަތްވާ މާކް ޗަގާލްގެ ކުރެހުމެއް މިދިޔަ އަހަރު ވަނީ 28 މިލިއަން ޑޮލަރަށް ވިކިފައެވެ.