މިދުވަސްވަރަކީ ހުޅަނގު މޫސުން ފެށޭ ދުވަސްވަރުކަމުން ކުރިޔަށްއޮތް ތިންދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާކަމެއްކަމަށާ އެހެންކަމުން ދިޔަވަރު އެންމެބޮޑުވާ ގަޑިތަކުގައި އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އެދިވަޑައިގެންފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އާންމުކޮށް ހުޅަނގުމޫސުން ފެށޭ ދުވަސްވަރަކީ އުދައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ ދުވަސްވަރެއްކަމަށާ، އަދި މިމަހުގެ އެންމެ ދިޔަވަރު ބޮޑުވާ ދުވަސްތައްވެސް ދިމާވަނީ މިދުވަސްވަރާކަމުން މިދުވަސްވަރު އުދައެރުން އެކަށީގެންވާކަމަށެވެ.
އުދައަރާފާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު މާޅޮސްމަޑުލު އުތުރުބުރީގެ ރަސްމާދުއާ އަނގޮޅިތީމަށް އިއްޔެ އުދައަރާފައިވާކަމަށް އެދެރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.
ރަސްމާދޫ ކައުންސިލުން ބުނީ އިއްޔެ އުދައަރާ އެރަށުގެ ހުޅަނގުއުތުރުފަރާތާއި އެރަށު ކުނިގޮނޑު ހުރި ސަރަހައްދު ވަރަށްބޮޑަށް ގިރާފައިވާކަމަށެވެ. ރަށުކައުންސިލުން ބުނީ އެރަށުގެ މީހުން ދިރިއުޅޭ ގޭގެ ހުރި ހިސާބު އެއްގަމަށްވެސް އިއްޔެ ރާޅު އަރާފައިވާކަމަށެވެ.
ރަސްމާދޫގެ އިތުރުން އެއަތޮޅު އަނގޮޅިތީމަށްވެސް އުދައަރާފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިގޮތުން އިއްޔެ މެންދުރެއްހާއިރު ރަށުގެ ބަނދަރުގެ އެއްގަމު ތޮށިގަނޑުން ފެށިގެން ތިރީހަކަށް ފޫޓް އެއްގަމަށް ރާޅު އަރާފައިވާކަމަށާ އަދި ރާޅު އެރުމުގެ ސަބަބުން ބަނދަރުގައި ޓީޖެޓީއެއްގެ ގޮތުގައި ބޭނުންކުރާ ތަނުން ވަރަށްބޮޑަށް ވެލިގަނޑުދެމިގެންގޮސް އެސަރަހައްދަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ރަށުގެ ހުޅަނގުފަރާތުގެވެސް ދުއިސައްތައެއްހާ ފޫޓު އެއްގަމަށް އުދައަރާފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.