ފެވަރިޓުންގެ ގޮތުގައި އޮތް ބާސެލޯނާ ކޮޅަށް ދެވަނަ ލެގުގައި ތިން ލަނޑު ޖަހައިގެން، ބާސާ ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގުގެ ސެމީފައިނަލުން ރޯމާ ޖާގަ ހޯދައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 4-1 ން ބާސާ ކާމިޔާބުކޮށްފައިވަނިކޮށް، ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ބާސާއަށް ސިހުން ގެނައީ ރޯމާއިން ތިން ލަނޑު ޖަހައިގެންނެވެ. 6 ވަނަ މިނިޓްގައި ބޮސްނިޔާ ފޯވާޑް އެޑިން ޒެކޯ ލަނޑު ޖަހާ އުއްމީދު އާކޮށްދީފައި ވަނިކޮށް، ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޑި ރޮސީ ޔަޤީންކަން ބޮޑުކޮށްދިނީ 58 ވަނަ މިނިޓްގައެވެ. އަވޭ ގޯލްގެ ތަފާތުން ރޯމާއަށް ސެމީގެ ޖާގަ ކަށަވަރުވީ މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރ މަނޯލާސް ޖެހި ލަނޑުންނެވެ.
މެޗުގެ ފަހު ކަށިގަނޑާއެކު، ރޯމާގެ އޮފިޝަލުންނާއި، ސަޕޯޓަރުން ވަނީ އުފަލުން ދަނޑަށް އަރާފައެވެ. އެމީހުންގެ ލޮލުން ދިޔައީ ޤަބޫލުކުރަން ދަތި ކާމިޔާބީގެ އުފާވެރި ކަރުނަ އަންނަމުންނެވެ. މިނަތީޖާއާއެކު ރޯމާ ވެފައިވަނީ ޗެމްޕިއަންސްލީގުގެ ތާރީޚުގައިވެސް ފުރަތަމަ ލެގުގައި ތިން ލަނޑުން ފަހަތުގައި އޮވެ، ދެވަނަ ލެގުން ކުރި ހޯދި ތިންވަނަ ޓީމަށެވެ. މިދިޔަ އަހަރު އެފަދަ ގޮތަކަށް ކުރި ހޯދީ ޕީއެސްޖީގެ މައްޗަށް ބާސެލޯނާއެވެ. އޭގެ ކުރިން 2004 ވަނަ އަހަރު އޭސީމިލާންގެ މައްޗަށް ޑިޕޯޓިވޯ ލަކަރޫނާވެސް ކުރި ހޯދިއެވެ.
މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކުރީގެ ފޯވާޑް ޒެކޯ ބުނީ މިއީ ޤަބޫލުކުރަން ދަތި އެކަމަކު ހަޤީޤަތެއްކަމަށެވެ. އަދި މިއީ މެޗުގެ ކުރިން އެއްވެސް މީހަކު އުއްމީދުކުރާނެ ނަތީޖާއެއް ނޫންކަމަށާއި، ރޯމާ މޮޅުވާނެކަމަށް ދެކުނީ ފަހެއް އިންސައްތަ މީހުންކަމަށެވެ.
" ހަޤީޤަތުގައިވެސް ޤަބޫލުކުރަން ދަތި. އެކަމަކު އަހަރެމެން މިކަންކޮށްފިން. މިއީ މެޗުގެ ކުރިން އެއްވެސް މީހަކު ޤަބޫލުކުރި ކަމެއްނޫން. މިއި ބަޔާންކޮށްދޭންވެސް އުނދަގޫ މޮޅެއް. މީގެ ތިން ދުވަސްކުރިން އަހަރެމެން ފިއޮރެންޓީނާ އަތުން ބަލިވީ، އެކަމަކު މިއަދު އަހަރެމެން މިކުޅުނީ އާދަޔާ ހިލާފް މެޗެއް " ޒެކޯ ބުންޏެވެ.
މެޗަށްފަހު ބާސެލޯނާގެ ކޯޗު އާނަސްޓޭ ވަލްވާޑޭ ބުނީ މިއީ ބާސާއަށް ދެރަ ދުވަހެއްކަމަށާއި، ރޯމާއިން ބާސާއަށް އެއްވެސް ފުރުޞަތެއް ނުދޭކަމަށެވެ. އަދި މުޅި މެޗުގައިވެސް ލަނޑުޖަހާނެ ފުރުޞަތެއް ބާސާއަށް ތަނަވަސް ނުކުރެވުނުކަމަށެވެ. ހަޤީޤަތަކީ މެޗުގައި ރޯމާ މާ މޮޅަށް ކުޅުންކަމަށް ބާސާގެ ކޯޗު ބުންޏެވެ.
" މިއީ ވަރަށް ދަށް ދުވަހެއް. މެޗު ފެށިގެން ނިމުނު އިރުވެސް އަހަރެމެންނަށް ލަނޑު ޖަހާނެ ފުރުޞަތެއް ތަނަވަސްނުކުރެވުނު. ހަޤީޤަތަކީ އެމީހުން މާމޮޅަށް ކުޅުނުކަން. އަހަރެމެންގެ ގޭމް ކުޅެން އަހަރެމެންނަށް އެމީހުން ފުރުޞަތެއްވެސް ނުދިން. ގެއްލިގެން މިދިޔައީ ވަރަށް ރަނގަޅު ފުރުޞަތެއް. ސަޕޯޓަރުންނަށްވެސް މިއީ ބޮޑު މާޔޫސްކަމެއް. އަހަރެން ރޯމާއަށް މަރުހަބާ ކިޔަން " މެޗަށްފަހު ކޯޗު ބުންޏެވެ.