ލައިފް ސްޓައިލް

ޞިއްޙީގޮތުން އެތައް ފައިދާއެއް ލިބޭ އަލަނާސި


އަލަނާސިއަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެންވެސް ކެއުމަށާއި އޭގެއިން އެކި ޖޫސް ހެދުމަށް ބޭނުންކުރާ މީރު މޭވާއެކެވެ. ބައެއް މީހުން ހުހަށް އަލަނާސި ކާއިރު އޭގެއިން ތަފާތު ޖޫސްތައްވެސް ބައެއް މީހުން ތައްޔާރުކުރެއެވެ. ބައެއް މީހުން ކައްކައިގެންވެސް އަލަނާސި ކައެވެ.
ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އަލާނާސި ލިބެންހުންނައިރު، މިއީ ހަމައެކަނި އޭގެ މީރުކަމުގެ ސަބަބުން ހަމައެކަނި ކާ އެއްވެއް ނޫނެވެ. އަލަނާސިން ލިބޭ ޞިއްޙީ މަންފާތަކުގެ ސަބަބުންވެސް ގިނަ ބަޔަކު ކޮންމެ ދުވަހަކު އަލާނާސި ކައެވެ.

އަލަނާސީން ލިބޭ ޞިއްޙީ ފައިދާތަކަށް ބަލާލައިރު، ހަށިގަނޑުގެ ހުރިހާ ދިމާލަކަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށް ޞިއްޙި ތަޖުރިބާކާރުން ބުނެއެވެ.
އަލަނާސިން ލިބޭ ފައިދާތަކުގެ ތެރޭގައި އާތުރައިޓިސް (ރާއްޖެ ބަލި) ފަދަ ހުޅުހުޅުގައި ރިއްސުމާއި ގުޅޭ ބަލިތަކުން މީހާ ސަލާމަތްކޮށްދެއެވެ.
ވިޓަމިން ސީ އިން އަލަނާސި މުއްސަނދި ވެފައިވާތީ އިންސާނާގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް އަލަނާސި އެހީތެރިވެދެއެވެ. މިގޮތުން ވައިޓް ބްލަޑް ސެލްތަކުގެ މަސައްކަތް ހަލުވިކޮށް، އިންފެކްޝަންތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަވެއެވެ.

އަލަނާސީގައިވާ ވިޓަމިން ސީގެ ސަބަބުން ހަންގަނޑު، މަސްގަނޑު، ލޭނާރުތައް، ކަށިތައް ވަރުގަދަކޮށްދެއެވެ. އަދި އަނިޔާއެއް ވެގެން ލިބޭ ޒަޚަމްތައް ރަނގަޅުވުންވެސް އަވަސްކޮށްދެއެވެ.
އަލަނާސީގައި ހިމެނޭ އެންޓިއޮކްސިޑަންޓްތަކާއި، ވިޓަމިންސީ، ވިޓަމިން އޭ، ބްރޮމެލައިން، ބެޓާ ކެރޮޓީން އަދި ފެވޮނޮއިޑްސްގެ ސަބަބުން ތަފާތު ކެންސަރުތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތްކޮށްދެއެވެ. އޭގެ ތެރޭގައި އަނގަ، ކަރު އަދި އުރަމަތީގެ ކެންސަރު ހިމެނެއެވެ.

އަލަނާސީގައި ހިމެނޭ ފައިބަރގެ ސަބަބުން ހަޖަމްކުރުމަށްވެސް ފަޞޭހަވެ، އަވަސްވެއެވެ. އަދި ބަނޑަށް އުނދަގޫވުމާއި ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ފައިބަރގެ ސަބަބުން ބްލަޑް ޕްރެޝަރ އާއި ކޮލެސްޓްރޯލް ރަނގަޅު ވަރެއްގައި ބަހައްޓަންވެސް އެހީތެރިވެދެއެވެ.
އަލަނާސީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކެއްސުމާ ރޯގާއަށްވެސް މިއީ ބޭހެކެވެ.
އަލަނާސީގައި ގިނަ އަދަދަކަށް މެންގަނީސް ހިމެނެއެވެ. މިއީ ކަށިތަކުގެ ހެދި ބޮޑުވުމަށް މުހިއްމު މާއްދާއެކެވެ. މީގެ އިތުރުން ދަތްތަކާއި ހިރުގަނޑަށްވެސް ގިނަ ފައިދާތަކެއް ކުރެއެވެ.

އަލަނާސީގައި ހިމެނޭ ބެޓާ-ކެރޮޓީންގެ ސަބަބުން ލޮލުގެ ފެނުން އިތުރަށް ރަނގަޅުކޮށްދެއެވެ. އަދި ލޮލުގެ އެކި ބަލިތަކުން ސަލާމަތްކޮށްދެއެވެ.
ޞިއްޚީ ހޯދުންތައް ދައްކާގޮތުން އަލަނާސީގެ ސަބަބުން ވިސްނައިގެން ކުރަންޖެހޭ ކަންކަން ކުރުމަށް އެހީތެރިވެދެއެވެ. އަލްޒެއިމާ ނުވަތަ ހަދާން ނެތޭ ބައްޔަށްވެސް މިއީ ފަރުވާއެކެވެ.