ކުޅިވަރު

އީގަލްސް އަތުން މޮޅުވެވުނީ ކުޅުންތެރިން އެވަރަށް މަސައްކަތްކުރުމުން: ނިޒާމް


އީގަލްސް އަތުން ލިބުނު ތިން ޕޮއިންޓަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ލިބުނު ތިން ޕޮއިންޓްކަމަށް ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

3-2 ލަނޑުން އީގަލްސް ބަލިކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އަބަދުވެސް ޓީސީއާއި ކުލަބް އީގަލްސް ވާދަކުރާ މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކެއްކަމަށާއި، މިއީ އެއްވެސް ޓީމަކަށް ފަސޭހަ މެޗުތަކެއް ނޫންކަމަށެވެ.

"މިތިން ޕޮއިންޓަކީ ޓީސީއަށް މިވަގުތަށް ބަލާއިރު ވަރަށް މުހިންމު ތިން ޕޮއިންޓް. ލީގުގައި ކުރިއަށް ދިއުމަށް މިލިބުނު ތިން ޕޮއިންޓަކީ ކުޅުންތެރިންނަށާއި ޓީމަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މެޗު ވަރަށް އުނދަގޫކޮށް ދިޔައީ، ދެ ޓީމްގެ ކުޅުންތެރިންވެސް ކުޅެމުންދިޔައީ ވަރަށް ޕްރެޝަރުގަ." ނިޒާމް ބުންޏެވެ.

ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިމެޗަކީ އީގަލްސްގެ ކުޅުންތެރިން އަމިއްލައަށް ގެއްލުވާލި މެޗެއްކަމަށެވެ. ޓީމްގެ ޑިފެންސްލައިނުން ކުޑަކުދިން ހަދާކަހަލަ މިސްޓޭކްތައް ހަދަން ފެށުމުން، މެޗަކުން މޮޅުވުމަށް ވަރަށް އުނދަގޫވާނެކަމަށާއި ޓީސީން ޖެހި ތިން ގޯލަކީވެސް އީގަލްސްގެ ކުޅުންތެރިން ހަދިޔާ ކުދި ތިން ގޯލްކަމަށް މޯހަން ބުންޏެވެ.

"ސިވީ މިސްޓޭކްތައް ހަދަން ފެށުމުން މެޗުން މޮޅުވާން ވަރަށް އުނދަގޫވާނެ. އެންމެ މުހިންމުކަމަކީ މެޗުން މޮޅުވުމަށް ބޭނުންވެގެން ކުޅުންތެރިން ކުޅުން. އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން މެޗުގައި އެކަންތަކެއް ނުފެނުނު. ނަމަވެސް ޓީސީގެ ކުޅުންތެރިން މެޗުން މޮޅުވުމަށް ބޭނުންވެފައިވާ މިންވަރު ފެނިގެންދިޔަ. އަސްލުގައި މިގެއްލުނީ ވަރަށް މުހިންމު 3 ޕޮއިންޓް." މޯހަން ބުންޏެވެ.

މިމެޗުން މޮޅުވުމާ ގުޅިގެން ޓީސީ ވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. ޓީސީއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މެޗުން މޮޅުވެގެން ތާވަލްގެ އެއްވަނައަށް ޖެހިލަން އީގަލްސްއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އަށް ޕޮއިންޓާއެކު އީގަލްސް އޮތީ ލީގު ތާވަލްގެ ތިންވަނާގައެވެ.