ގުރޫޕް ސްޓޭޖްގައި ކުރިއަށްދާން ބޭނުންނަމަ، ބެންގަލޫރުގައި އެޓީމް އަތުން ޕޮއިންޓެއް ހޯދަންޖެހޭކަމަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކޯޗް އޮސްކާ ބުރޫޒަން ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ވާދަކުރާ މެޗަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނިއުގެ ކޯޗް އޮސްކާ ބުނީ ބެންގަލޫރަކީ މިސްރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމްކަމަށާއި، ހާއްސަކޮށް އިންޑިޔާއިން މިހާރު ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބެންގަލޫރު ޓީމަށްވެސް ގިނަ ފައިދާތަކެއް ކޮށްފައިވާކަމަށެވެ.
ރާއްޖޭގެ ނިއުއާއި އިންޑިޔާގެ ބެންގަލޫރުގެ ބަޖެޓަށް ބަލާއިރުވެސް ހާސްބައި ތަފާތުކަން އޮސްކާ ފާހަގަކުރިއެވެ. އޮސްކާ ބުނީ ބެންގަލޫރުގެ ބަޖެޓް ކިތަންމެ ބޮޑު ނަމަވެސް އަދި ރާއްޖެއަށްވުރެ މާރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް ޖެހިލުން ނުވާކަމަށެވެ. އެއްވެސް ޓީމަކީ ބަޖެޓަށް ބަލައިގެން ނުވަތަ މާލީ ގޮތުން އެޓީމެއް ކުރާ ޚަރަދަށް ބަލައިގެން ކާމިޔާބު ޔަޤީންވާ ޓީމެއް ނޫންކަމަށް އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ މިހާރު ނިއުއަކީ ވަރުގަދަ ޓީމެއްކަމަށާއި ނިއު ބަލިކުރަންވެސް އެހެން ޓީމްތަކަށް އުނދަގޫވާނެކަމަށެވެ. އޮސްކާ ބުނީ ބެންގަލޫރު މެޗަށް ނިއު ތައްޔާރުވާތާ މިހާރު ދެ ހަފްތާއެއްހާ ދުވަސް ވެއްޖެކަމަށާއި، ނިއުއިން ބޭނުންވަނީ އިންޑިޔާގެ ބެންގަލޫރުގެ މައްޗަށް ކުރި ހޯދާ ތާރީޚުވެސް ބަދަލުކޮށްލަންކަމަށެވެ.
"ބެންގަލޫރުގެ މައްޗަށް ރާއްޖޭގެ ޓީމަކަށް ނެތް ފަހުގެ ތާރީހުގައި ކުރި ހޯދިފައެއް. އެހެންވީމަ އަހަރެން ބޭނުންވަނީ ތާރީހުވެސް ބަދަލުކޮށްލަން. ނިއުއިން މިމެޗަށް މިހާރުވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމްގަ. ކުރިން އިންޑިޔާގައި މަސައްކަތް ކުރެވިފައިވުމުން، އެކަމުގެ ފައިދާވެސް މިފަހަރު ކޯޗުގެ ފަރާތުން ޓީމަށް ކުރާނެ." އޮސްކާ ބުންޏެވެ.
ނިއުގެ ކޯޗް އޮސްކާ ބުނީ އާންމުކޮށް ބެންގަލޫރު ޓީމުން ރާއްޖޭގެ ޓީމްތައް ކޮޅަށް ލަނޑު ޖަހާފައިވަނީ އެންމެ ފަހުވަގުތު ކަމަށާއި، ނިއުއިން އެކަމަށްވެސް ސަމާލުވާނެކަމަށެވެ.
އޭއެފްސީކަޕް ކަޕްގެ ގުރޫޕް ސްޓޭޖްގައި ބެންގަލޫރު އެފްސީއާއި ނިއު ރޭޑިއަންޓް ވާދަކުރާނީ އަންނަ އަންގާރަ ދުވަހުއެވެ، ދެޓީމްވެސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓްއާއިއެކުއެވެ. ތިންވަނާގައިވާ ޑާކާ އަބަހާނީ އާއި އައިޒޯލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.