ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ތ.އަތޮޅު ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި


މިނިވަން ޗެމްޕިއަންޝިޕްގެ ތ.އަތޮޅު މުބާރާތް ތިމަރަފުށި ކާމިޔާބުކޮށްފިއެވެ.
އިއްޔެ ކުޅުނު ތ.އަތޮޅު މުބާރާތުގެ ފައިނަލުގެ ދެވަނަ ލެގުގައި ވަންދޫއާ ވާދަކޮށް އެއް ލަނޑު އެއް ލަނޑުން އެއްވަރުވި ނަމަވެސް ތިމަރަފުއްޓަށް ޗެމްޕިއަން ކަން ލިބުނީ އަވޭ ގޯލުގެ ތަފާތުންނެވެ. އަތޮޅު ފައިނަލުގެ ފުރަތަމަ ލެގު ތިމަރަފުށިން ކާމިޔާބުކުރީ 4-2 ލަނޑުންނެވެ. މިއީ ވިދިވިދިގެން އަތޮޅު ޗެމްޕިއަންކަން ތިމަރަފުށި ހޯދި ތިންވަނަ ފަހަރެވެ. ތިމަރުފުށި ތ.އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުން ޒޯން ބުރުގައި އެޓީމުން ވާދަކުރާނީ ލ.އަތޮޅުގެ ޗެމްޕިއަން މާބައިދުއާއެވެ. މިދެޓީމް ވާދަކުރާ ފުރަތަމަ ލެގު މާބައިދޫގައި އޮންނާނީ އަންގާރަ ދުވަހުއެވެ.

އިއްޔެ މުބާރާތުގައި އައްޑޫސިޓީގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިއްޔެ ހަވީރު ހިތަދޫއާ މަރަދޫ ވާދަކުރި މެޗު 3-1 ލަނޑުން ކާމިޔާބުކުރީ މެޗުގެ ކުރިން މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮއްފައިވާ ހިތަދޫއެވެ. އައްޑޫސިޓީ ފައިނަލުގައި ހިތަދޫއާ ފޭދޫ ވާދަކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހު ހަވީރުއެވެ.

މުބާރާތުގައި މިހާތަނަށް އަތޮޅުބުރާއި ޒޯން ބުރު ކުޅުގެން ތިން ޓީމެއް ވަނީ ފައިނަލު ބުރުން ޖާގަ ހޯދާފައެވެ. އެއީ ޒޯން އެކެއްގެ ޗެމްޕިއަން ހއ.މުރާދޫއާއި، ޒޯން ދޭއްގެ ޗެމްޕިއަން ށ.ފޯކައިދޫއާއި، ޒޯން ފަހެއްގެ ޗެމްޕިއަން ފ.ނިލަންދޫއެވެ.
ފައިނަލު ބުރުގައި ދެން ވާދަކުރާނީ މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމްކަމަށްވާ އއ.މާޅޮހާއި، ގދ.ތިނަދޫއާއި، އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫއެވެ. މީގެތެރެއިން މިދިޔަ އަހަރު ގަދަ ހަތަރަކަށް ދިޔަ ށ.މިލަންދޫއިން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.